Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ކޮނޑޭގައި ދަނޑުވެރިކަން ކުރިއަރުވާނަން: ރައީސް

ގއ. ކޮނޑޭ އަކީ މިހާރު ވެސް ދަނޑުވެރިކަން ފުޅާކޮށް ކުރަމުން އަންނަ ރަށަކަށްވާތީ އެ މަސައްކަތް އިތުރަށް ކުރިއަރުވަން މަސައްކަތްކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވީ މި ހަފުތާގައި އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން އިއްޔެ ކޮނޑޭގެ ރައްޔިތުންނާ އެކީ ބައްދަލުވުމުގަ އެވެ. ރައީސް ވިދާޅުވީ ކޮނޑޭ އަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއްކަން ފާހަގަކުރެވޭތީ އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދަނޑޖުވެރިކަމުގެ ދާއިރާ ވަރުގަދަ ކުރުމަކީ މި ސަރުކާރުން އިގުތިސާދު ހަރުދަނާކުރަން ގެންގުޅުއްވާ މުހިއްމު ސިޔާސަތެއް ވެސް ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިއޮތް ވަރަށް ބޮޑު، މުހިންމު ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އެތައް ރިސޯޓަކުން ކާބޯތަކެތި ރާއްޖެއިން ބޭރުން އެތެރެކުރާ ކަމަށާއި އެހެންވެ އެކަމަށް ހައްލެއް ގެންނަން އެ ދާއިރާއަށް ވެސް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.