ދާދި ފަހުން ސިޔާސީ ޕާޓީއެއް އުފެއްދި އިންޑިއާގެ މަޝްހޫރު ތަމަޅަ ފިލްމީ ތަރި ވިޖޭގެ ދޮށި ދަރިފުޅު ޖޭސަން ސަންޖޭ ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 23 އަހަރުގެ ޖޭސަން އޭނަގެ އަލަތު ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ނިންމަމުން އަންނަ އިރު، އެ ފިލްމު ޕްރޮޑިއުސްކުރާނީ އިންޑިއާގެ އެންމެ ބޮޑު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ލައިކާ ޕްރޮޑަކްޝަންސް އިން ކަމަށެވެ.
އަދި މި ފިލްމުގެ ބަތަލުގެ ރޯލަށް ނަގަން ނިންމާފައި ވަނީ ދަލްގޫރް ސަލްމާން ނުވަތަ ވިކްރަމް ދުރޫވް ކަމަށާއި ފިލްމުގެ ބަތަލާއަޖަށް ވާނީ "ރޮބޮޓް" އާއި "ނަޔަކު" އަދި "އިންޑިއަން" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެސް ޝަންކަރްގެ ދަރިފުޅު އަދިތީ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ފިލްމުގެ މިއުޒިކް ހަދާނެ ކަމަށް ބެލެވެނީ އޭއާރް ރަހުމާނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާ ލަސްތަކެއް ނުވެ ލައިކާ އިން ޖޭސަންގެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އެވެ. އޭނަ އަކީ ޓޮރޮންޓޯ ފިލްމު ސްކޫލް އިން ފިލްމުމޭކިން ޑިގްރީއެއް ނަގައި ލަންޑަންގައި ސްކްރީން ރައިޓިން އިން ބެޗްލާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ ޒުވާނެކެވެ.
ވިޖޭ 49، ގެ ދަރިފުޅު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވާ އިރު، އޭނަގެ 2009 ގެ ފިލްމު "ވެއްޓައިކަރަން" ގެ ލަވައަކުން ދެބޭން އެކީގައި ފެނިފައިވެ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިޖޭގެ ކުރިއަށް އޮތް ފިލްމަކީ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އެވެ. ވިޖޭ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ލިއޯ" އިންނެވެ.
ޖޭސަންގެ އިތުރުން ވިޖޭގެ ދެން ހުންނަނި އަންހެން ކުއްޖެލެވެ. އެއީ މިހާރު 19 އަހަރުގެ ދިވްޔާ އެވެ.