Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ތިނަދޫ އެެއާޕޯޓް ހަވާލުކުރި ކުންފުނީގެ ގާބިލުކަން ބަލަނީ

ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ތައިލެންޑުގެ ކުންފުންޏާ ވެެކީ އެމްއޯޔޫއެއްގައި ސޮއިކުރި ނަމަވެސް ކޮންޓްރެކްޓްގައި ސޮއިކުރާނީ އެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރުކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީން އެގޮތަށް ބުނީ އަންގާރަ ދުވަހުގެ ރޭ ސަރުކާރުން އެމްއޯޔޫ ހެދީ ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުނީގެ ގާބިލުކަމާ ދޭތެރޭ އެކި ފަރާތްތަކުން ސުވާލު އުފައްދަން ފެށުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ބަޔާނުގައި ބުނީ، އެ ކުންފުންޏާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މަޝްރޫއު ކުރިއަށް ގެންދަން އެކުލަވައިލެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.

"[އެހެންވެ] މި މަޝްރޫއުގެ ކޮންޓްރެކްޓަރުގައި ސޮއި ކުރެވޭނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރުކުރުމަށް ފަހު، ބަލަން ޖެހޭ އެންމެހައި ކަންތައްތައް ބަލައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން" މިނިސްޓްރީން ބުންޏެވެ.

ބަޔާނުގައި ބުނީ ޕޭން ޕެސިފިކް ކުންފުނިން ޕްރޮޕޯސަލް ހުށަހެޅީ ހަތަރު ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕަސެންޖާ އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ގާއިމް ކުރަން ކަމަށަވެ. އަދި މަތީ ފަންތީ ރިސޯޓާއި ޔޮޓް މެރީނާއަކާއި ފްލައިން ސްކޫލެއް އެޅުމަށް ވެސް ހުށަހަޅާފައިވެ އެވެ.

އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޕޭން ޕެސިފިކް ކުންފުނީގެ
ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒިރާޓް ޕެތުނުންތަވޮންގެވެ. މިއީ 600 އެއްހާ ޑޮލަރުގެ މަޝްރޫއެކެވެ.