Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

އަޅުގަނޑުގެ ކުރިމަތީގައި އެންމެން ހަމަހަމަ: ރައީސް

އެ މަނިކުފާނުގެ ކުރިމަތީގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހާރު ގއ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ވިލިގިނލީގައި ކުރިއަށްދާ ޖަލްސާގައި ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހަމަހަމަކޮށް ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުން ކަމަށެވެ. އެހެންވެ ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުމުގައި ބޮޑު ރަށެއް، ކުޑަ ރަށެއް ނުބައްލަވާނެ ކަމަށާއި ހުރިހާ ހުރިހާ ހިސާބަކަށް ވެސް ކަންކަން ކޮށް ދިނުމުގައި ސަރުކާރުން ގެންގުޅުއްވާނީ ހަމަހަމަ އެއް ސިޔާސަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ބޭނުން ވަަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ކުރިއަރަމުން އަންނަ މިންވަރަކުން ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށެވެ. އެގޮތުން މިހާރު އޮތް ދަތިތަކާ އެކީ ވެސް އިގުތިސާދު ރަނގަޅު ކުރަން މަސައްކަތް ކުރަމުން، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެ ސަރަހައްދަކަށް އަންނަންވާ ތަނަވަސްކަމާއި ފާގަތިކަން އަންނާނެ ކަމަށް ވިދާޅުވި އެވެ.