Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

ވިލިގިއްޔަށް ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް

ގއ. ވިލިގިނލީގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިލިގިއްޔަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގަ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ބެލްޖިއަމްގެ ކުންފުންޏެއް ކަމަށްވާ ބެސިކްސް ގްރޫޕާ އެވެ. އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް، ޔޫއޭއީގެ ބްރުޖް ޚަލީފާ އިމާރާތްކުރުމުގައި ވެސް ހިއްސާވި ކުންފުންޏެކެވެ.

ސަތޭކަ ފަނަރަ އަހަރުގެ ތަޖުރިބާ އޮތް ބެސިކްސް އިން ވިލިގިނލީ އެއާޕޯޓް މަޝްރޫއުގައި 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހާ ވަސީލަތްތައް ގާއިމު ކުރަން ހިމަނާފައިވެ އެވެ. މީގެ އިތުރުން މަތީ ފެންވަރުގެ ރިސޯޓުތަކާއި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް ހުށަހަޅާފައިވެ އެވެ. މިއީ 500-750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

މަޝްރޫއުގައި ހިމެނޭކަންކަން:

* ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރާނެ
* 8 ޕްރައިވެޓް އައިލެންޑް
* ބޮޑު 9 ރިސޯޓް
* އެއާޕޯޓާ ދެމެދު 17 ކިލޯމީޓަރުގެ ހައިވޭ

އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ބެސިކްސްގެ ފަރާތުން ސޮއި ކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ސާވް ޑޮލްމަންސް އެވެ.

ސަރުކާރުން ވަނީ ގދ. ތިނަދޫގައި ވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރަން ނިންމައިފަ އެވެ. އެކަމުގެ އެމްއޯޔޫގައި ސޮއިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ އެމްއޯޔޫ ހެދީ ތައިލޭންޑްގެ ޕޭން ޕެސިފިކް ކުންފުންޏާ އެކީގަ އެވެ.