Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

އަދުރޭ ޖަމީލަށް: މަގާމެއް ނުލިބުނަސް ފިތުނަ ނުއުފައްދާ

އަބްދުއްރަހީމް އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

މަގާމެއް ނުލިބުމަކީ ފިތުނަ އުފައްދަންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ބަދަލެއް ގެނައުމަށް ކަމަށާއި، އެއީ ހެޔޮ އަދި ރައްޔިތުން އެދޭ ބަދަލެއް ކަމަށެވެ.

ރައީސް މުއިއްޒު ދައްކަވާ ވާހަކައިގެ ދެކޮޅު ދިމާނުވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ ދައްކާ ވާހަކައިގެ ދެކޮޅު ދިމާވާ މީހުން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އިއްޔެ ދެއްކި ވާހަކައާއި މިއަދު ދައްކާ ވާހަކަ އަޑުއަހަން ރައްޔިތުން ތިބިކަމަށެވެ. އަބްދުއްރަހީމް މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސް މުއިއްޒުއަށް ފާޑުވިދާޅުވެ ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"އިނގިރޭސިވިލާތުގައި ދެއްކި ވާހަކައާ ޖަރުމަނުގައި ދެއްކި ވާހަކައާ މާލޭގައި ދެއްކި ވާހަކައާ ޓީވީތަކަށް އަރާ ދައްކާ ވާހަކަ ކަންފަތުން އަޑުއެހި މީހުން، އެ މަންޒަރުދުށް މީހުން މިއަދުވެސް ރާއްޖޭގައި އެބަތިބި. އެހެންވީމަ އެއްގޮތަކަށްވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލަން މަސައްކަތް ކުރާނެ ކަމެއް ނެތް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޖަމީލަށް ރައްދު ދެއްވާ އަބްދުރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ބޭނުންވާ މަގާމެއް ހާސިލު ނުކުރެވުމަކީ މުޅި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށްޓަކައި ފިތުނަ ފަސާދަ އުފައްދަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެ ފިތުނަ ފަސާދައަށް ޖާގަވެސް ނުދޭނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަން ޑރ. މުއިއްޒުއާ ހަވާލުކުރީ ރައްޔިތުންގެ ވޯޓުން އެ ރައްޔިތުން ކަމަށާއި، އެކަމާ ބަޔަކު ހިތްހަމަޖެހުނަށް އަދި ނުޖެހުނަސް ރައްޔިތުންގެ ނިންމުމަކީ އެއީ ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ގައުމު ބަނގުރޫޓު ނުވާނެ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެއަށްވުރެއް ވަރުގަދަ ޓީމަކާ އެކު ކަމަށެވެ.

އެހެން ސަރުކާރުތަކުން ފެންނަނީ ދައުރު ނިމެން ކައިރިވުމުން، އަނެއް ދައުރު ހޯދުމަށް ބޮޑެތި މަޝްރޫއުތަކުގައި ސޮއިކުރާ މަންޒަރުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އިގްތިސާދީ އަނދަވަޅެއްގައި ގައުމު އޮތްއިރުވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ރައީސް މުއިއްޒު އަވަދިނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ތަފާތު ދައްކާނެ ކަމަށާއި ތަރައްގީ ގެނައުމާއި އެެހެން ކަންކަމުގައިވެސް ވޭތުވެދިޔަ ސަރުކާރުތަކާ މިސަރުކާރާ މުޅިން ތަފާތުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ވެރިކަމުގައި ޑރ. މުއިއްޒު ހުންނެވީ ލައްޒަތާއި ޝަރަފައްޓަކައި ނޫން ކަމަށާއި އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ދިވެހިން ބޭނުންވާ ތަރައްގީ ރައީސް މުއިއްޒު ގެންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.