ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރާއްޖޭގެ އެތެރެއާއި ބޭރުން ބައިއަތު ހިފާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ގާއިމުވި ސަރުކާރުތަކުގެ ތެރެއިން، މިހާ އަވަހަށް ފުރޮޅާލަން މަސައްކަތްކުރި ސަރުކާރެއް މި ނޫނީ ނާންނަ ކަމަށެވެ.
"ބޭރުގެ އަދާވާތްތެރިންނާ އެތެރޭގެ އަދާވާތްތެރިން ވަނީ މި ސަރުކާރު ފުރޮޅާލަން ބައިއަތު ހިފާފައި. މިއީ ދިވެހި ރައްޔިތުން މިކަމާ ދެކޮޅަށް ބަދަހިކަމާއެކު ތިބެންޖެހޭ ވަގުތެއް. މިއިން އެނގެނީ މިހާރު ގާއިމުވެފައިވާ ސަރުކާރަކީ ދިވެހިންގެ ސަރުކާރެއްކަން." ޑރ. ޝަހީމް ވިދާޅުވިއެވެ.
މިސަރުކާރު ބަލިކަށި ކޮށްލަން އަދި އިނދަޖައްސާލަން މަސައްކަތް ކުރަމުންދަނީ މި ސަރުކާރަކީ ބޭރު ބައެއްގެ ސަރުކާރަކަށް ނުވާތީ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން އެކަމަށް ދިވެހި ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ރައްޔިތުން ތިބެންވާނީ ބަދަހިކަމާއެކު ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެތެރޭގެ ކަންކަން ހައްލު ކުރަންޖެހޭނީ މަޝްވަރާއާއެކުކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.