Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ފެންނަނީ ގައުމާ މެދު ކަންބޮޑުވުން އޮތް މިންވަރު

ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

ފެންނަނީ ގައުމުގެ ކަންކަމާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ކަމަށާއި މިއަދު އެންމެން އެކީ މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެމްޑީޕީއަށް ސޮއި ކުރުމުން ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އަދި މިއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ސިޔާސީ މަސައްކަތް ފެއްޓެވީ މީގެ 20 ވަރަކަށް އަހަރު ކުރިން ހާއްސަ މަޖިލީހުންކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ އޭރުވެސް އިބްރާހިމް މުހައްމަދު ސޯލިހަކީ ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށެވެ.

އެންމެ ފުރަތަމަ ސިޔާސީ ޕާޓީއަކަށް ގުޅިވަޑައިގަތީ އެމްޑީޕީއާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެމްޑީޕީ އެކުލަވާލެވުމާއެކު ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކަމަށެވެ. ސިޔާސީ މަސައްކަތުގައި 20 އަހަރު ވެގެންދިޔައިރުވެސް ކުރެވުނީ އެއް މަސައްކަތެއް ކަމަށާއި ފިކުރަށް ބަދަލެއް ނާންނަ ކަމަށެވެ.

"ފިކުރަކަށް ބަދަލެއް ނާދޭ، ސިޔާސަތަކަށް ބަދަލެއް ނާދޭ، ކުރެވުނީ އެއް މަސައްކަތެއް. 20 އަހަރު ވެގެންދިޔައިރުވެސް ކުރެވުނީ އެއް މަސައްކަތެއް." ފައިސަލް ވިދާޅުވިއެވެ.

މިއަދު ފެންނަނީ ރާއްޖޭގެ ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރުކަން ހާމަކުރައްވާ ފައިސަލް ވިދާޅުވީ އެންމެން އެކުގައި މިއަދު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެމްޑީޕީއަކީ ރައްޔިތުންނާ ގާތުން ރައްޔިތުން ބޭނުންވާގޮތަށް މަސައްކަތްކުރާ ޕާޓީއެއްކަމަށާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ހޯދުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޤައުމުގެ ކަންކަންދާގޮތުން އަމިއްލަ ޒިންމާ ދޫކޮށްލެވެން ނެތްކަމަށާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގައި ރަށްތަކަށް ގެނެސްފައިވާ ތަރައްގީއާއި ކުރެވުނު މަސައްކަތްތައް ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި އެކަމުގައި ޕާޓީގެ ލީޑާޝިޕާއި މެންބަރުންނަށް ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.