Last Updated: July 27, 14:36
Saturday, July 27, 2024
ކުޅިވަރު

ސިޓީން ލިވަޕޫލްއާ ޕޮއިންޓަކާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި އެވެ.

ލިވަޕޫލް މި ވަގުތު އެއް ވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ދެ ވަނައިގައި އޮތީ 26 މެޗުން 59 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އާސެނަލަށް 26 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. އެސްޓަންވިލާ ހަތަރު ވަނައިގައި އޮތީ 52 ޕޮއިންޓާ އެކު އެވެ.

ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސިޓީ އަށް މެޗުގެ 24 މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. ސިޓީގެ އާލިން ހާލަންޑް ފޮނުވާލި ހަމަލާއެއް ބޯންމަތްގެ ކީޕަރު ނެޓޯ މަތަކުރުމުން ލިބުނު ބޯޅަ ފޮޑެން ގޯލަށް ވައްދާލީ ޕެނަލްޓިއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ އެވެ. ސިޓީން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކުރިއިރު މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކޮށްލަން ބޯންމަތްގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލު ރޮގުމަތިން ދިފާއުކުރީ ސިޓީގެ ގޯލްކީޕަރު އެޑަސަން އެވެ.

ލީގުގައި ރޭ ތިންވަނައިގައި އޮތް އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ފަސޭހަކަމާއެކު 4-1 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ބޮޓްމަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ކައި ހަވެޓްޒް އާއި ބުކާޔޯ ސަކާގެ އިތުރުން ޔަކުބް ކިވިއޯ އެވެ. ނިއުކާސަލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޖޯ ވިލޮކް އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފުލަމް އިން ވަނީ ފަހު ވަގުތު 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެސްޓަންވިލާ އިން 4-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރި އިރު އާ ކޯޗަކާ އެކީ ނިކުތް ކްރިސްޓަލް ޕެލެސް އިން ވަނީ 3-0 އިން ބާންލީ ބަލިކޮށްފަ އެވެ. އަދި އެވަޓަން އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.