Last Updated: July 27, 10:35
Saturday, July 27, 2024
ކުޅިވަރު

ލީގު ކަޕްގެ ޗެމްޕިއަނަކަށް ލިވަޕޫލް

ޗެލްސީ 1-0 ބަލިކޮށް ލިވަޕޫލުން އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

މިއީ ލިވަޕޫލުން ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި 10 ވަނަ ފަހަރެވެ. ލިވަޕޫލަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ޗެލްސީގެ ކޯލް ޕާމާ ފޮނުވާލި ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮއިމްހިން ކެލަހާ މަތަކުރިއިރު، ލިވަޕޫލްގެ ކޯޑި ގަކްޕޯ ބޮލުން ފޮނުވާލި ހަމަލާއެއް ޗެލްސީގެ ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ލީޑު ނަގަން ޗެލްސީގެ ކޯނާ ގަލެގާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ލިވަޕޫލްގެ ގޯލުގެ ދަނޑީގައި ޖެހުނު އިރު ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ގަލެގާ ފޮނުވާލި ދެވަނަ ހަމަލާ މަތަކުރީ ކެލަހާ އެވެ.

މިރޭގެ މެޗުގެ 90 މިނިޓް ނިމުނު އިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ އިތުރު ވަގުތުދެ ހާފެވެ. އެގޮތުން އިތުރު ވަގުތުގެ ދެވަނަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މި މެޗުން މޮޅުން ލިވަޕޫލް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ވާޖިލް ވެންޑައިކް އެވެ. ވެންޑައިކް މި ގޯލު ކާމިޔާބު ކުރީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދިއިރު އެޓީމަށް އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް މި ސީޒަނުގައި އަދި އެބައޮތެވެ.