Last Updated: April 30, 09:10
Tuesday, April 30, 2024
ޚަބަރު

މަސްވެރިން ނުދެވި ދެން ހުރީ ދޮޅުމަސް ދުވަހުގެ ފައިސާ

މަސްވެރިން މުޒަހާރާއި އާއި ގުޅިގެން މިނިސްޓަރ ޝީޔާމް މަސްވެރިންނާއި ބައްދަލު ކުރައްވަނީ / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން މިހާތަނަށް މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުރި ފައިސާ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން މިކަން ހާމަކޮށް ބުނެފައިވަނީ މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުރި ބިލްތަކަށް މިހާރު ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި މިކަމުގައި މަސްވެރިން ދެއްމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ. މަސްވެރިންނަށް ފައިސާ ނުދެވި ގިނަ ދުވަސްތަކެއް ވުމުން މަސްވެރިން ވަނީ ދާދިފަހުން ކުއްޑޫ އޮޕަރޭޝަން ހުއްޓުވައި މުޒަހާރާއެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މިއާއެކު މިދިޔަ ބުދަ ދުވަހާއި މިއަދާއި ލައިގެން މަސްވެރިންނަށް ޖުމްލަ 105 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން 561 މިލިިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މިފައިސާ އާއެކު މިއަދުގެ ނިޔަލަށް މަސްވެރިންނަށް ބާކީ ނުދެވި ހުރީ ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ ފައިސާ އެވެ.


ސަރުކާރުން ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަނީ އެކި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި ބެކްލޮގް ވެފައިވާ ފައިސާ ވަރަށް އަވަހަށްޖަމާ ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ 48 ގަޑިއިރު ތެރޭ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މިއާއެކު މަހުގެ އަގު ދަށް ވެގެން 20ރ. ބެހެއްޓުމަސް ވެސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

މިފްކޯގެ މާލީ ހާލަތު ދައްވެ މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވެގެން ދިޔައިރު، މިފްކޯ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިހާރު ފަށާފައެވެ.