Last Updated: April 30, 12:06
Tuesday, April 30, 2024
ޚަބަރު

މިސްކިތްތަކަށް ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ދެނީ

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ސްޓެލްކޯ އެމްޑީ ފަހުމީއާއި ބައްދަލު ކުރެއްވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސްޓެލްކޯއިން ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި އަދި ސަރަހައްދުތަކުގައި ހުރި މިސްކިތްތަކަށް އަންނަ މަހުން ފެށިގެން ޑޮމެސްޓިކް ރޭޓުގައި ބިލް ކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަހުން ފެށިގެން ބިލް ކުރަނީ ޑޮމެސްޓިކް ރޭޓުގައި ކަމަށް ފަހުމީ ވިދާޅުވިއެވެ.

" އެމަނިކުފާނު ރޭ ކުޅުދުއްފުށި ސިޓީގައި އިޢުލާނުކުރެއްވި ފަދައިން ގްރޭޓަރ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން. " ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތަކުގެ ޙަރަދު ކުޑަ ކުރުމަށާއި ޙަރަދުތައް ސިންދަފާތުކޮށް އިޤްތިޞާދު ކުރުމަށް މަގުފަހި ކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

މިސްކިތްތަކަށް ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާއިރު، މިމަހުގެ ކުރީކޮޅު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދާއި ބައްދަލު ކުރައްވާ ސްޓެލްކޯއިން ވަނީ އެކުންފުނީގެ ދަށުން ޚިދުމަތް ދޭ ރަށްރަށުގެ މިސްކިތްތައް ސޯލާ ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައެވެ.