Last Updated: July 27, 09:53
Saturday, July 27, 2024
ކުޅިވަރު

ކުއާޓާގައި ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުމެއް

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކުއާޓާ ފައިނަލު މެޗުތަކުގެ ގުރުއަތުލުން ރޭ ކުރިއަށްގެންދިޔައިރު، ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗު އޮންނާނީ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގަ އެވެ.

މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލުގައި ކުޅޭނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ވުލްވްސް ބައްދަލުކުރާނީ ކޮވެންޓްރީއާ އެވެ. އަދި ކުއާޓާގެ ޖާގަ އެންމެ ފަހުން ޔަގީންކުރި ޗެލްސީ އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ.

ޔުނައިޓެޑުން ރޭ ކުއާޓާފައިނަލުން ޖާގަ ހޯދީ ރޭ ނޮޓިންހަމް ފޮރެސްޓް 1-0 އިން ބަލިކުރުމަށްފަހު އެވެ. ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ސައުތެމްޓަންގެ މައްޗަށް 3-0 އިން ކުރި ހޯދިއިރު މި މެޗުގައި ވިދާލީ ލިވަޕޫލްގެ ޒުވާން ކުޅުންތެރިންނެވެ.

މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޒުވާން ހަ ކުޅުންތެރިއަކަށް ފުރުސަތު ދިން އިރު، ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ ލުވިސް ކޫމަސް އެވެ. ލިވަޕޫލްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ ޖޭޑަން ޑެންސް އެވެ. މިއީ އޭނާ ލިވަޕޫލަށް ކުޅެދިން ފުރަތަމަ މެޗެވެ.

ޗެލްސީން ކުއާޓާފައިނަލްގެ ޖާގަ ކަށަވަރު ކުރީ ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް 3-2 އިން ބަލިކުރުމަށްފަހު އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 8 ވަނަ މިނެޓްގައި މަޓެއޯ ޖޯސެފް ވަނީ ލީޑްސް އަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 15 ވަނަ މިނެޓްގައި ނިކޮލަސް ޖެކްސަން ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު، މެޗުގެ 37 ވަނަ މިނެޓްގައި މިކައިލޯ މުޑްރިކް ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 59 ވަނަ މިނެޓްގައި ޖޯސެފް ލީޑްސް އަށް ނަތީޖާ އެއްވަރުކޮށްދިން އިރު މި މެޗުން ޗެލްސީން މޮޅުވި ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކޯނާ ގަލެގާ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެން ނިންމާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.