Last Updated: July 27, 11:14
Saturday, July 27, 2024
ޚަބަރު

މަޖިލީހުގެ 33 ޕަސަންޓް އަންހެނުންނަށް ހާއްސަކުރަން އިސްލާހެއް

ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރަން ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ގާނޫނު އަސާސީ އަށް ހުށަހެޅުއްވީ އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ.

ރޮޒެއިނާގެ އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން 33 ޕަސެންޓް ހާއްސަކުރަން ވާނީ އަންހެނުންނަށް ކަމަށެވެ. އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށްވެސް ބުނެފައިވެ އެވެ.

މިފަދަ އިސްލާހެއް ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމާއި، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިއްމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މީގެއިތުރުން ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތައް ހުޅުވާލަދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ ވެސް އިސްލާހު ހުށަހެޅި މަގުސަދެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މީގެކުރިން މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ހާއްސަކުރަން ވެސް ނިންމާފަ އެވެ.

މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ.