Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ލަފާ ދިނުމުގައި އިސްކުރާނީ ގައުމުގެ މަސްލަހަތު

ބަންޑަރ ނައިބު އަހުމަދު އުޝާމް ޖޭއެސްސީއަށް އައްޔަން ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދިނުމުގައި އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ދެވަނަ ފަހަރަށް މަޖިލީހުން އިންތިހާބާ ބެހޭ ބިލު ތަސްދީގު ކުރުމުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން ބިލަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ނިންމަވާފަ އެވެ. ރައީސް އެގޮތަށް ނިންމެވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާ ގުޅިގެންނެވެ.

"އަށްޑިހަ މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި." ރައީސް ވިދާޅުވި އެވެ.

އުޝާމްގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

"އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވަނީ އިންތިހާބާ ބެހޭ ބިލާއި ގުޅޭގޮތުން ރައީސަށް މިއަދު ގާނޫނީ ލަފާ އަރުއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައި އޮތް ތާރީހަކީ އަންނަ މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާ ކަމަށްވާއިރު އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ އެކީ ވަނީ އިންތިހާބެއް ރޯދަ މަހާ ދިމާވާ ނަމަ، އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ފާސްކޮށްފަ އެވެ.