Last Updated: April 27, 20:01
Saturday, April 27, 2024
ޚަބަރު

އިންތިހާބުގެ ރީރަޖިސްޓްރޭޝަން 14-17 އަށް

މި އަހަރު ބާއްވާ މަޖިލިސް އިންތިހާބު އަންނަ މަހަށް ފަސްކުރުމާ ގުޅިގެން ރީރަޖިސްޓްރޭޝަނަށް ތިން ދުވަސް ދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެތަން މިއަދު ބުނީ އަލުން ދޭ ރީރަޖިސްޓްރޭޝަންގެ ފުރުސަތު އޮންނާނީ މި މަހުގެ 14-17 އަށް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމދެއްގައި އީސީގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ މުއްދަތުގައި ރީރަޖިސްޓްރެޝަނަށް އަންނަަ ބަދަލާ ގުޅިގެން ރާއްޖޭން ބޭރުގަ އާއި ރިސޯޓްތަކުގައި އިތުރު ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އީސީން ބުނީ ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް މިހާތަނަށް ރީރަޖިސްޓްރީކޮށްފައި ވަނީ މެލޭޝިއާ އާއި ސްރީ ލަންކާގައި އެކަނި ކަމަށެވެ. ބޭރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ 150 އަށް ވުރެ ގިނަ ދިވެހިން އެ ގައުމެެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީވާ ނަމަ އެވެ.

އީސީން ބުނީ މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްކުރުމާ ގުޅިގެން 560 މީހަކަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންދާ ކަމަށެވެ. އެހެންވެ އެ އަދަދާ އެކީ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 284،887 މީހުންނަށް އަރާނެ އެވެ.

އީސީން ބުނީ މަޖިލީސް އިންތިޚާބުގެ ވޯޓާސް ލިސްޓް މާދަމާ އާންމުކުރި ނަމަވެސް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވޯޓުލުމުގެ ހައްގު އަލަށް ލިބުނު 560 މީހުންގެ ލިސްޓަށް އެކަނި ކަމަށެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފައްޗާ ހަމައަށެވެ.

ކުރިން 20 ވަނަ މަޖިލިސް އިންތިހާބު ބާއްވަން ނިންމީ މި މަހުގެ 17 ގަ އެވެ. ނަމަވެސް އަންނަ މަހަށް އިންތިހާބު ފަސްވީ އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން، އެ އިސްލާހު ރައީސް ޑރ. މުހައްމަދު ތަސްދީގު ކުރެއްވުމުންނެވެ.