Last Updated: April 28, 14:38
Sunday, April 28, 2024
ޚަބަރު

10 ފަރާތަކަށް ބަދަލަށް ބިލިއަން ރުފިޔާ ދީފައިވޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލުގެ ގޮތުގައި 10 ފަރާތަކަށް އެއް ބިލިއަން ރުފިޔާ ދޫކުރަން ނިންމި މައްސަލަ މުރާޖައާ ކުރުމަށްޓަކައި އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އޭޖީ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ކުރީގެ ސަރުކާރުން އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ހަރުމުދަލާއި، ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ ފަރާތްތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ސެޓްލްމެންޓް ކޮމިޓީން ނިންމި ނިންމުންތަކުގެ ލިޔެކިޔުންތައް ރައީސް އޮފީހުން އޭޖީގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް ވިދާޅު ވިއެވެ.

އޭޖީ ވިދާޅުވީ އެގޮތަށް ދީފައިވާ ބަދަލު އަގުކުރުމުން ހަރުމުދަލާއި ފައިސާގެ ގޮތުގައި އެކި ފަރާތްތަކަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން ފާހަގަކުރެއްވޭ ކަމަށާއި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ޝަރުޢީ މަރުޙަލާގައި ހިނގަމުންދާ މައްސަލަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ އެފަދަ 10 މައްސަލައެއްގެ އެސެސްމެންޓެއް ހެދުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އަދި ދައުވާކޮށްފައިވާ ފަރާތްތަކަށް ސާފުކޮށް ވިންނުވާނެ ކަހަލަ ބައެއް މައްސަލަތަކުގައި ބަދަލު ދިނުމަށް ނިންމާފައިވޭ." އޭނަ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ބަދަލު ދިނުމަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ބޮޑު ބަދަލެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން އަންގާފައި ވަނިކޮށް އެއަށް ވުރެ ބޮޑެތި ބަދަލުތަކެއް ދީފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އެހެންވެ ސެޓްލްމެންޓު ކޮމިޓީން ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މުއާމަލަތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓުއަރިޒަމް މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީ އަށް މިހާރު އަންގަވާފައިވާ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.