Last Updated: May 10, 21:30
Friday, May 10, 2024
ޚަބަރު

މީދޫ ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނަން

މީދޫ ރައްޔިތުން ހަގީގަތުގައި ވެސް އެދެމުންދާ ބަދަލު ގެނެސްދޭނެ ކަމަށް މީދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޢަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެ އެވެ.

މީދޫ ރައްޔިތުންގެ ބޮޑު ތާއީދަކާ އެކީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އައްދު ވިދާޅުވީ ރައްޔިތުން ފުރުސަތު ދީފިނަމަ މީދޫ ރައްޔިތުން އެދޭ ފަދަ ބަދަލެއް މީދޫ އަށް ގެނެސްދޭނެ ކަމަށާއި އެ ބަދަލަކީ މީދޫ އަދި މީދޫއާ ދުރުގައި ތިބި ރައްޔިތުން އުފާވެރިކަމާ އެކީ އާއިލާއެކު މީދޫގެ ފަސްގަނޑުގައި އާމްދަނީ ލިބިގެން އުޅޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް. ވިޝަނެއް އެބައޮތް. މިކަން ހާސިލުވާނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް،" އައްދު ވިދާޅުވި އެވެ.

މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި، ރައްޔިތުން ފުރުސަތު ދީފިނަމަ މީދޫ ރައްޔިތުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން އޭގެ ހަގީގީ މާނައިގައި ހޯދައިދޭނެ ކަމަށްވެސް އައްދު ވިދާޅުވި އެވެ.

ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ މީދޫގައި ދިރުވައި، މީދޫގައި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިންގި އައްދު އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ. ނަމަވެސް ފަހުވަގުތު ޕާޓީން ވަނީ އައްދުގެ ހިދުމަތް ބަލައި ނުގަނެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ވެސް ފުރުސަތު ނުދީފަ އެވެ. އެއާއި އެކު އައްދު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކޮށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމަށް ނިންމާފަ އެެވެ.

އައްދު ވަނީ 2019 ވަނަ އަހަރު ބޭއްވި މަޖްލިސް އިންތިހާބުގައި ވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށްފަ އެވެ. ވާދަވެެރި އެ އިންތިހާބުގައި ރޮޒެއިނާ މީދޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރީ ހަނި ތަފާތަކުންނެވެ.

މީދޫގެ ތަރައްޤީގައި އަމަލީ ގޮތުން ބައިވެރިވެ ރަށުގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރާ އައްދު އަކީ މީދޫގެ ހުރިހާ އުމުރުފުރައިގެ މީހުންނާއި ގުޅޭ ރައްޔިތުންގެ މީހެކެވެ. ގިނަ ދުވަސްތައްް ރަށުގައި ހޭދަކޮށްފައިވާ އައްދު އަކީ ޒުވާނުންގެ ކުރިއެރުވުމަށްވެސް އަމިއްލަ ގޮތުން ގިނަ ހޭދަތަކެއް ކުރައްވާ ޒުވާނުންގެ އެކުވެރިއެކެވެ.