Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

"ކުށްކުރާ" ޓެލެގްރާމް ހިންގި ބަޔަކު ހައްޔަރުކޮށްފި

ފުލުހުން މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ- ފޮޓޯ: ފުލުހުން

ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުންދިޔަ ޓެލެގްރާމް ގްރޫޕްތަކެއް ހިންގި ބަޔަކު މޯލްޑިވްސް ޕޮލިސް ސާވިސްއިން ހައްޔަރުކޮށް އެ ގްރޫޕްތައް ހުއްޓުވައިފިއެވެ.

ފުލުހުން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި މިގޮތަށް ހިންގި 4 ޓެލެގްރާމް ގްރޫޕެއް ހުއްޓުވާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެއީ "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލަރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ޚަބަރު" ގެ ނަމުގައި މިދިޔަ އަހަރު އެޕްރީލް މަހުން ފެށިގެން ހިންގަމުން ދިޔަ ގްރޫޕްތަކެކެވެ.

މިމައްސަލާގައި މިމަހުގެ 6 ވަނަ ދުވަހު ދިވެހި ފިރިހަނަކާއި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އެދުވަހު ފުލުހުންގެ ސައިބަރ ޕޮލިސިންގް ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި 4 ތަނެއް ބަލައި ފާސްކުރުމަށް ފަހު މައްސަލައާއި ގުޅުން ހުރިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހުގައެވެ. އަދި ހޯދިފައިވާ ތަކެތީގެ ފޮރެންސިކް ތަހުލީލްކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޮންލައިން ޓެލެގްރާމް ގްރޫޕްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ.

މިމައްސަލާގައި ތުހުމަތުވާ ދެ މީހުންގެ މައްޗަށް ހަށިވިއްކުމާއި، ހަށިވިއްކަން ހިއްވަރު ދިނުމާއި، މަނީ ލޯންޑްރިންގް އަދި ޑްރްގް ޓެފިކިންގެ ކުށުގެ ތުހުމަތުގެ އިތުރުން އޮރިޔާން ކާޑު އުފެއްދުމާއި ބެހުމުގެ ކުށް ފުލުހުން ކުރެއެވެ. މީގެ އިތުރުން މާލީ މުޢާމަލާތްތަކަށް ބަލާއިރު އެމީހުން ކުރާ މަސައްކަތާއި ނުބައްދަލު އަދަދަކަށް ފައިސާ މުޢާމަލާތްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަން ފުލުހުން ބުނެއެވެ.

އެމީހުންގެ ބަނދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފުރަތަމަ ގެންދިއުމުން 5 ދުވަސް ޖަހައި، ފަހުން ކްރިމިނަލް ކޯޓަށް ބަނދުގެ މުއްދަތާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ގެންދިއުމަށް ވަނީ 30 ދުވަސް ޖަހާފައެވެ.

ފުލުހުން ވަނީ ޤާނޫނާއި ޚިލާފު މިފަދަ ކަންކަމުން އާންމުން ދުރުހެލިވެ ތިބުމަށް ނަސޭހަތް ދީފައެވެ.