Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

އައްޑޫގައި ސަރުކާރުގެ ރޯދަ ހަދިޔާ ބަހަން ފަށަނީ

ކާޑުގެ ބާވަތްތައް ބަހައްޓާ އެސްޓީއޯގެ ގުދަނަކުން މީހަކު ކާޑުގެ ބާވަތެއް ހުރި ބަސްތާއެއް ކޮނޑަށް ލައިގެން ދަނީ: ފޮޓޯ / މޯލްޑިވްސް ޓައިމްސް

ސަރުކާރުން ދޭ ރޯދަ ހަދިޔާ ބަހަން ވަރަށް އަވަހަށް ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަމާ ގުޅޭ ގޮތުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑު އަށް ސަރުކާރުން ފޮނު ރޯދަ ހަދިޔާ ގެނައުމަށް ބޯޓަށް އަރުވާފައިވާ ކަމަށެވެ. އަދި މިހަފްތާ ތެރޭގައި އެ ތަކެތި ލިބި، އެ ގުދަން ކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ މި ހަފްތާ ނިޔަލަށް ނުވަތަ އަންނަ ހަފްތާ ކުރީކޮޅަށް އެ ތަކެތި ބަހަން ފަށާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ، އެ ތަކެތި ބަހާނީ އެއަވަށްތަކުގެ އަވަށު އޮފީސް މެދުވެރިކޮށް ކަމަށެވެ. އަދި ބަހާ ދުވަސްތަކާއި ގަޑިތަށް ވަކިން އިއުލާން ކުރާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ ގޭބީސީ އަކަށް 10 ކިލޯގެ ފުށާއި 10 ކިލޯގެ ހަނޑޫ މި ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. މިއާއެކު މި ހަދިޔާ ބެހުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ރައްތަކަށް ހަދިޔާ ބަހަން މިހާރު ވަނީ ފޮނުވާފައެވެ.