Last Updated: April 29, 11:54
Monday, April 29, 2024
ޚަބަރު

އެމްޕީއެލްގެ "ސީ ޓު އެއާ ކާގޯ" ޚިދުމަތް މާދަމާ ފަށަނީ

ހުޅުމާލެ ޕޯޓް -- / ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ތަަޢާރަފް ކުރާ "ސީ ޓު އެއަރ" ކާގޯ ޚިދުމަތް މާދަމާއި ފެށިގެން ދޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގައި އަލަށް ފަށާ "ސީ ޓު އެއަރ" ޚިދުމަތަކީ ދިވެހިރާއްޖެެއަށް ކަނޑުމަގުން މުދާ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފޮނުވައިދޭ ޚިދުމަތެކެވެ. މި ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.

މި ޚިދުމަތަކީ އެމް.ޕީ.އެލްގެ އާމްދަނީ އިތުރުކޮށް، ކުންފުނީގެ ވިޔަފާރި އާ ދައިރާތަކުން ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނޭޖްމަންޓް އިން އެކުލަވާލާފައިވާ ޕްލޭންތަކުގެ ދަށުން ފަށާ ޚިދުމަތެއް ކަމަށް އެކުންފުނިން ބުނެއެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާްއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގް ގިނަ މަންޒިލްތަކަށް ރާއްޖެއިން ދަތުރު ކުރެވޭ ކަން އެމްޕީއެލްއިން ފާހަގަ ކުރެއެވެ.

އެމް.ޕީ.އެލް އިން ވަނީ މި ޚިދުމަތް ފަށާނެކަން އާންމުކޮށް އިއުލާންކޮށް، މި ޚިދުމަތަށް ނަގާ އަގުތައްވެސް އާންމުކޮށްފައެވެ. އެގޮތުން ޚިދުމަތަށް ދެ ސައިޒުގެ ކޮންޓެއިނަރ ޗާޖު އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ. އެއީ 20 ފޫޓު ކޮންޓެއިނަރ އަދި 40 ފޫޓު ކޮންޓެއިނަރަށެވެ. މީގެ އިތުރުން ސްޓޯރޭޖް ޗާޖް ނަގަމުންދަނީ އެމްޕީއެލްގެ ޓެރިފް ފޮތުގައިވާ ގޮތުގެ މަތިން ކަމަށް އެކުންފުނިން ބުނެއެވެ.