Last Updated: April 29, 00:08
Monday, April 29, 2024
ޚަބަރު

އަގުހެޔޮކޮށް އާދީއްތަ އިން ފެށިގެން ދަތުރު ކުރެވޭނެ

މޯލްޑިވިއަން އޭޓީއާރް މަރުކާގެ ބޯޓެއް ގަން އެއާޕޯޓުގައި / ފޮޓޯ: އައްޑޫލައިވް

މޯލްޑިވިއަންގެ އަގުހެޔޮ ޓިކެޓްތަކަށް އާދީއްތަ ދުވަހުން ފެށިގެން ދަތުރު ކުރެވޭނެ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށް ތަޢާރަފް ކުރި ޕްރޮމޯޝަނަލް ފެއާސްތަކާއި ގުޅޭގޮތުން އެކުންފުނިން ބުނެފައިވަނީ، މި ފެއާތަކަށް ދަތުރު ކުރެވެން ފަށާނީ މިމަހުގެ 17 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. އެގޮތުން މޯލްޑިވިއަންއިން މިހާރު ދަތުރު ކުރާ 16 އެއާޕޯޓަކަށް ޝެޑިއުލްގެ ތެރެއިން ވަކި ފްލައިޓުތަކުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވިއަން އިން ވަނީ ޝެޑިއުލް ގިނަ ދަތުރު ކުރާ ބޮޑެތި އެއާޕޯޓުތައް ކަމަށްވާ ހަނިމާދޫ، ގަން، ކާނޑެއްދޫ އަދި ފުވައްމުލަކަށް ދެ ޝެޑިއުލް ފްލައިޓުން އަގުހެޔޮ ޓިކެޓް ވިއްކަން ނިންމާފައެވެ. އަދި ބާކީ އެއާޕޯޓުތަކަށް ދުވާލަކު އޮންނަ ޝެޑިއުލް އެއް ފްލައިޓުން އަގުހެޔޮ ޓިކެޓް ލިބޭނެއެވެ.

މޯލްޑިވިއަން އަގުހެޔޮ ޓިކެޓު ލިބޭ ފްލައިޓުތަކުގެ ލިސްޓު –

މިގޮތުން މި ޓިކެޓުތައް މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބައްލަވައިގަނެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މިއާއެކު ފަސޭހަ ކަމާއި އެކު އަގުހެޔޮ ސީޓުތައް މި ފެއާއިން ލިބޭނެ ކަމަށް ޤައުމީ އެއާލައިނުން ބުނެއެވެ.

އާދީއްތަ ދުވަހުން ފެށިގެން ހުރިހާ އެއާޕޯޓަކަށް އަގުހެޔޮ ފެއާގައި ޝެޑިއުލް ކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ލިބޭއިރު، މަޑިވަރު އަދި ދަރަވަންދޫއަށް މިހާރުވެސް އަގު ހެޔޮ ފެއާގެ ޓިކެޓުތައް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ޤައުމީ އެއާލައިނުގެ ޓިކެޓުތައް އަގުބޮޑުވުމަކީ ގިނަ ރައްޔިތުންގެ އަބަދުވެސް ކަންބޮޑުވުން އޮންނަ މައްސަލައެކެވެ. މިމައްސަލަ ހައްލު ކުރުމަށް އެކި ސަރުކާރުތަކުްނ އެކި މަސައްކަތް ކުރި ނަމަވެސް އެކުންފުނީގެ މާލީ ހާލަތާއި ބަލައި ޓިކެޓުގެ އަގުހެޔޮކޮށްގެން ދެކޮޅު ނުޖެހެއެވެ.