Last Updated: April 29, 09:41
Monday, April 29, 2024
ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީން ޑީޕޯޓްކުރަނީ

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު - ފޮޓޯ: އިމިގްރޭޝަން

ކަޅު ބާޒާރުގައި ޑޮލަރު މުޢާމަލާތް ކުރަމުންދަނިކޮށް އަތުލައިގަތް 7 ބިދޭސީން ޑިޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝައްމާން މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން މިހެން ވިދާޅުވީ، އީއްޔެ ހައްޔަރު ކުރި ބިދޭސީންނާއި މެދު ޢަމަލު ކުރަނީ ކޮންގޮތަކަށްތޯ ގިނަ ފަރާތްތަކުން ސުވާލު ކުރަމުންދާކަން ފާހަގަކޮށެވެ.

"ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުންގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯރޓް ކުުރުމަށް ވަނީ ހަމަޖެހިފަ. " ޝައްމާން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ނެރުނު އީއްޔެ ނެރުނު ބަޔާނުގައި ބުނީ ނ. ސްޓަރކްލައުޑް ހައުސް އިމާރާތުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިގެން، ހިންގި ހާއްސަ އޮޕަރޭޝަނުގައި ހަތް ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.

މި އެންމެންނަކީ ވެސް ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ މީހުން ކަމަށާއި، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރާ ބިދޭސީން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތައް ހިންގައި، ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް ފުރުވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް ހިންގާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.