Last Updated: December 13, 17:38
Friday, December 13, 2024
ޚަބަރު

ވައިގެ ޚިދުމަތަށް ލިބުނީ ތުރުކީގެ ހިލޭ އެހީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީގެ ރައީސް އުރުދުގާން އާއި ބައްދަލު ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ދިވެހި ސިފައިންގެ ވައިގެ ޚިދުމަތް ރަސްމީކޮށް 3 ޑްރޯން އާއިއެކު ފެށުނު އިރު ގިނަ އާލާތްތަކަކީ ތުރުކީ ސަރުކާރުގެ ހިލޭ އެހީ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި އަސްކަރީއްޔާގެ އެއަރ ކޯ ނުވަތަ ވައިގެ ފައުޖު އިފްތިތާޙް ކުރުމުގެ ރަސްމީއްޔާތުގައި އެމަނިކުފާނު ވަނީ މި ޚިދުމަތް ފެށުމަށް އެންމެ ބޮޑު އެހީއެއް ވެދެއްވީ ތުރުކީ ސަރުކާރުންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް ޢުރުދުގާން ވަރަށް ބޮޑަށް އެހީތެރިވެދެއްވިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

“ރައްޔިތުން އަޅުގަނޑާއި ޒިންމާ ހަވާލުކޮށް ދެ ހަފްތާ ނުވަނީސް އެ ޤައުމަށް އަޅުގަނޑަށް ދައުވަތު ދެއްވައި، އެމަނިކުފާނު އަޅުގަނޑަށް ކިއުއްވި ހޫނު މަރުހަބާއާއި ބެހެއްޓެވި ގާތް ކަމަކީ، އަދި ދެއްވެވި ސަމާލުކަމަކީ މިކަން މިއަދު ހަޤީގަތަކަށް ވުމުވެ އަސްލު” ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ ވައިގެ ފައުޖު އިފްތިތާހް ކުރެވުނީ 3 ޔޫއޭވީއާއި އެކުގައިވީނަމަވެސް، ކުރިއަށް އޮތް ތަނުގައި އަދި މާގިނަވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު އެމަނިކުފާނާއެކު އޮތް ގާތް ގުޅުމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރީއްޔާގެ ބާރުވެރިކަން ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

“އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން، ދިވެހި ޤައުމަށް ހިލޭ ހަދިޔާ ކުރައްވާފައިވާ ތަކެތިކަންވެސް އަޅުގަނޑު ފަޙްރުވެރިކަމާއި އެކީ ފާހަގަ ކުރަން. “ ރައީސް ވިދާޅުވިއެެވެ.

ރާއްޖޭގެ ވައިގެ ފައުޖެއް މުޅިން އަލަށް އުފައްދައި ކަނޑު ސަރަހައްދު ބަލަހައްޓަން ފަށާފައި މިވަނީ އެކަމަށް އެހެން ބަޔަކަށް ބުރަނުވެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމަށް ކަމަށް ސަރުކާރުން ބުނެއެވެ. މިގޮތުން ތުރުކީގެ ބައިރަކްތާރު ޓީބީ-2 ޑްރޯން އެ ޤައުމުން ހޯދާފައިވާއިރު މީގެ ތެރެއިން ދިވެހި ސަރުކާރުން ޙަރަދު ކުރަނީ ކޮން އާލާތަކަށް ކަމެއް ހިލޭ އެހީއަކީ ކޮބާ ކަމެއް ސަރުކާރުން ސާފުކޮށް ނުދެއެވެ.