Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ޑްރޯންތަކާއެކު ސަލާމަތީ ބާރުތައް އެކުގައި މަސައްކަތް ކުރުން މުހިންމު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

ދިވެހި ސިފައިންގެ އެއަރ ކޯ އިފްތިތާޙް ކުރުމާއެކު ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމްވެފައި އޮންނަން ޖެހޭ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސީޕީ މިހެން ވިދާޅުވީ، ދިވެހި އަސްކަރީއްޔާގެ ޚިދުމަތަށް އިތުރު ކުރެވެނު އަން މޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޔޫއޭވީ ޑްރޯންތަކާއި ގުޅުވައެވެ. އެގޮތުން މިއީ ޤައުމީ ސަލާމަތަށް މުހިންމު އަދި ޤާބިލީއްޔަތުކަން އިތުރުކޮށްދޭ ފަދަ މަރުހަބާ ކިޔަން ޖެހޭ ތަރައްޤީއެއް ކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބަލާއިރު، މިފަދަ ކުރިއެރުންތަކަކީ ޤައުމީ ސަލާމަތާއި ގުޅުންހުރި އެހެން ކަންކަމާއިވެސް ގުޅިގެން އަންނަ ކަމެއް ކަމަށެވެ. އެގޮތުން މައުލޫމާތު ހޯދުމާއި، ސަރަހައްދު ބެލެހެއްޓުމާއި ފާރަވެރިވުމުގެ އިތުރުން ކަންކަމާއި އިޖާބަ ދިނުމާއި މިކަން ގުޅޭކަމަށް ވިދާޅުވިއެވެ. މިއާއެކު ރާއްޖޭގެ ޤައުމީ ސަލާމާތާއި ގުޅުންހުރި ކަންކަމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގުޅިގެން މަސައްކަތް ކުރާނެ ރަނގަޅު ނިޒާމެއް އެކުލަވާލެވިފައި ނެތުންކަން ފާހަގަ ކުރެއްވިއެވެ.

މިއާއެކު ޔޫއޭވީތަކުގެ ޤާބިލީއްޔަތުކަން ލިބުމާއެކު މިއީ، މިތަކެތީގެ ބޭނުން ހިފައި ގުޅިގެން ޤައުމީ ސަލާމާތަށް ކުރެވޭ މަސައްކަތް ފުޅާކޮށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަންވީ ދަނޑިވަޅު ކަމަށް ވިދާޅުވިއެވެ.

ތުރުކީގެ އެހީގައި ރާއްޖެއަށް އިތުރުކޮށްފައިވާ ޑްރޯންތަކުގެ އެހީގައި ރާއްޖޭގެ ޙާއްސަ އިޤްތިޞާދީ ސަރަހައްދުގެ ގޮތުގައި ބެލެވޭ 900،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އަމިއްލައަށް ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. މިއީ ދިވެހި މަސްވެރިންނަށާއި މި ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުތަކަށް އަދި ހާއްސަކޮށް ކަނޑުގެ ސަރަހައްދުގައި ކުށްކުރުން ހުއްޓުވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ޤަބޫލު ކުރެއެވެ.