Last Updated: April 29, 09:49
Monday, April 29, 2024
ޚަބަރު

"ފަވަރަ" ޚިދުމަތުގެ ލިމިޓު ބޮޑުކޮށްފި

އެމްއެމްއޭ - ފޮޓޯ: ސަން

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ޖަމާޢު ކުރުމަށް ބޭނުން ކުރާ މަރުކަޒީ ބޭންކް އެމްއެމްއޭގެ "ފަވަރަ" ޚިދުމަތުގެ ލިމިޓު ބޮޑުކޮށްފިއެވެ.

މިގޮތުން "ފަވަރަ" ޚިދުމަތުގެ ލިމިޓަށް ގެނައި ބަދަލުން މިހާރު އެއްފަހަރާއި 200،000ރ. އާއި ހަމައަށް މުޢާމަލާތް ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ ކުރިން އެއް ވަގުތަކާއި ކުރެވެނީ 50،000ރ. މުޢާމަލާތެވެ. އެއްފަހަރާ މުޢާމަލާތް ކުރެވޭ ލިމިޓް 200،000ރ. އަށް އިތުރު ކުރިނަމަވެސް ބޭންކުން ކަނޑައަޅާފައި ހުންނަ ލިމިޓުތައް ތަފާތު ވެދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން ފަވަރަ ރިކުއެސްޓް ލިމިޓުވެސް ވަނީ ދެގުނަ ބޮޑުކޮށްފައެވެ. އެގޮތުން ޚިދުމަތް ފެށިއިރު 5000ރ. އާއި ހަމައަށް އެހެން މީހެއްގެ އަތުން ރިކުއެސްޓް ކުރެވޭއިރު، މިހާރު 10،000ރ. އާއި ހަމައަށް ފަވަރަ ރިކުއެސްޓް ފޮނުވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

"ފަވަރަ" އިންސްޓެންޓް ޕޭމެންޓް ޚިދުމަތަކީ، އެއް ބޭންކުން އަނެއް ބޭންކަށް ފައިސާގެ މުޢާމަލާތް ކުރެވޭ ނިޒާމެކެވެ. މީގެ ސަބަބުން ތަފާތު ދެ ބޭންކެއްގެ ކަސްޓަމަރުންނަށްވެސް ބޭންކް ޚިދުމަތް ހޯދައި ފޯރުކޮށްދީ އަދި ލިބިގަތުމުގައި ފައިސާގެ މުޢާމަލާތްތައް ކުރުމަށް ވަރަށް ބޮޑަށް ލުއިފަސޭހެ ވެގެންދާނެއެވެ.

މިވަގުތު މި ޚިދުމަތް ރާއްޖޭގައި ޚިދުމަތްދޭ ގިނަ ބޭންކުތައް މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި އިތުރަށްވެސް ބޭންކުތައް އިތުރު ކުރުމަށް އެމްއެމްއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.