Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ހިތަދޫ ބޮޑުމަގު ރީސާފޭސް ކުރަން ފަށަނީ!

ހިތަދޫ ބޮޑު މަގު ރީސާފެސް ކުރުމަށް ބަނދުކޮށްފައި / ފޮޯޓޯ: އައްޑޫލައިވް

އައްޑޫސިޓީ ހިތަދޫ ބޮޑުމަގު (އެޅެދީދީ މަގު) ގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ހިތަދޫ ބޮޑުމަގުގެ ތާރު އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު، އެ މަގުގެ އެއް ފަޅި ހިތަދޫ އުތުރުން، ހިތަދޫ ސްކޫލުގެ ކަންމަތިން (ޑެއިޒީ މަގުން) ފެށިގެން ޒިޔާރަތް މަގާއި ހަމައަށް މިހާރު ވަނީ ބަންދުކޮށްފައެވެ. މިއާއެކު މަގު ބަނދުކޮށްފައިވުމުން އެކަމަށް ސަމާލުވުމަށް އެދި އައްޑޫސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.

ހިތަދޫ ބޮޑުމަގު ރީސާފެސް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ މަގުގެ ދެ އަރިމަތީ ކާނު އެޅުމުގެ މަސައްކަތް ކުރުމަށް ފަހުއެވެ. އެގޮތުން މަގުގެ ދެ އަރިމަތީ ކާނު އަޅާފައިވަނީ ޕޭވްމެންޓު އެއްބައި ނެގުމަށް ފަހު މަގު ފުޅާ ވާ ގޮތަށް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. މިއީ މަގުގައި ގަސް އިންދުމަށާއި ޕާކް ކުރުމަށް އިތުރު ޖާގަ ހެދުމަށް ގެނެވުނު ބަދަލެއް ކަމަށް އައްޑޫސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

ހިތަދޫ ބޮޑުމަގު ރީސާފެސް ކުރުމަށް ބަންދުކޮށްފައި /ފޮޓޯ: އައްޑޫލައިވް

ހިތަދޫ ބޮޑުމަގު ރީސާފެސް ކުރަން ނިންމާފައިވަނީ، ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވުމާއި، އަދި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މަގުގެ ދެފަޅިން ބޮޑެތި މަގުން އަންނަ ޑްރެއިނޭޖް ކާނުތައް ގުޅުވަން ކޮނެފައި ވުމުންނެވެ. މިއާއެކު މަގު ވަރަށް ބޮޑަށް ހަލާކުވެ ދުއްވާފަރާތްތަކާއި މަގު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ހިތަދޫ ބޮޑުމަގުގައި ތާރު އެޅީ 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓާއި ގުޅުވައެވެ. އޭރު މުޅިއެކު ހިތަދޫގެ 5.5 ކިލޯމީޓަރު މަގު ހެދުމަށް ނިންމިއެވެ. ނަމަވެސް ތާރު އަޅާފައިވަނީ ހިތަދޫ ސްކޫލު ކަންމައްޗަށް، ޑެއިޒީ މަގާއި ހަމައަށެވެ. މިމަގަކީ ތާރުއެޅުމަށް ފަހުވެސް ފެން ހިންދޭނެ ގޮތެއް ނެތި އެކި ސަރަހައްދުތަކުގައި ވިއްސާރު ދުވަސްވަރު ފެންބޮޑުވާ މަގެކެވެ.

މަގުގައި ފުރަތަމަ ތާރުއެޅިއިރު، ތާރު އަޅާފައި އޮތީ ޑެއިޒީ މަގާއި ހަމައަށެވެ. އޭގެ އުތުރަށް ތާރުއަޅައި ނިންމާފައިވަނީ މިދިޔަ އަހަރު އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޖީކޭޑީ ކުންފުންޏާއި ހަވާލު ކުރެވިފައިވާ މަސައްކަތުގެ ތެރެއިންނެވެ.