Last Updated: July 14, 22:13
Sunday, July 14, 2024
ޚަބަރު

ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަށް މަރާމާތުކޮށްފި

ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާ މަރާމާތުކުރަނީ / ފޮޓޯ: މީދޫ އަވަށު އޮފީސް

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ގަބުރުސްތާނު ކަމުގައިވާ އައްޑޫސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ ގެއްލުން ދީފައިވާ މަހާނަގާތައް މަރާމާތުކޮށްފިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެ ގަބުރުސްތާނުގެ މަހާނަ ގާތަކަށް މަރާމާތުކޮށްފައިވަނީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަންނީ މުވައްޒަފެއްގެ އިރުޝާދާއި އެކުގައެވެ. މިމަހާނަ ގާތަށް މަރާމާތުކުރުމުގެ އިތުރުން މީދޫ އަވަށު އޮފީހުގެ ތިން މުވައްޒަފަކު ވަނީ މިގޮތަށް މާހަނަގާތަކަށް ލިބޭ ގެއްލުންތައް މަރާމާތު ކުރުމަށް ތަމްރީނު ދީފައި ކަމަށް މީދޫ އަވަށު އޮފީހުން ހާމަކުރެއެވެ.

ކޯގަންނު ޤަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ ތަނެކެވެ. ވޯލްޑް މޮނިއުމަންޓް ފަންޑަކީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރަން ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދޭ ޖަމާއަތެކެވެ.

ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާ މަރާމާތުކުރަނީ / ފޮޓޯ: މީދޫ އަވަށު އޮފީސް

އެ ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު އެންމެ ދުވަސްވީ ގަބުރުސްތާނެވެ. އެ ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ގަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ގަބުރުސްތާނު ވެސް މެ އެވެ. ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނެވެ. އެތަނުގައި 1،500 އަށް ވުރެ ގިނަ މަހާނަގާ ހުރި އިރު، އޭގެ ތެރޭގައި ހާފިޒުންނާއި ކުރީގެ ދަންނަބޭކަލުންގެ މަހާނަ ގާތައް ވެސް ހިމެނެ އެވެ.

ކޯގަންނު ގަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާއިރު އެ ތަނުގައި ހިރިގަލުން ހަދާފައި ހުރި ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ވެސް ހިމެނޭ މިސްކިތެކެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކޯގަންނު ގަބުރުސްތާނަށް އެކި ކަހަލަ ގެއްލުންތައް ދީފައިވެ އެވެ.