Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް ފަހު ރައްޔިތުންނަށް ދޭނީ ތެޔޮހަމެއް

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ފަހު ސަރުކާރުން ރައްޔިތުންނަށް ދޭނީ ތެޔޮހަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް ޙާލުގައި ވަނިކޮށް ބޮޑު ނަޞްރެއް ލިބުމުން މިއަދު ރައީސް ޑރ. މުހައްމަދު މުޢިއްޒު އެ ކާމިޔާބު މިންވަރުވި ގޮތް ހަނދާން ނައްތާލާފައިވާ ކަމަށެވެ. މަޖިލިސް އިންތިޚާބު މި ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ޢަދާވާތްތެރިކަން އިތުރަށް އިސްކުރާނެ ކަމަށާއި ރިޔާސީ އިންތިހާބަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ވައުދުތަކަށް ފުރަގަސްދިން ގޮތަށް، މަޖިލިސް އިންތިހާބަށް ފަހު ރައްޔިތުންނަށް ދޭނީ ތެޔޮހަމެއް ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

"ވަޒީފާއިން ވަކިކުރާނެ. ސިޔާސީ ގޮތުން އަނިޔާކުރާނެ. ކޯޓްތަކަށް ނުފޫޒު އިތުރުކުރާނެ. ގާނޫނަށް ތަބަޢަނުވާނެ. ސަރުކާރު ކެންޑިޑޭޓުން ނޫންގޮތެއް ޚިޔާރު ކުރަންޖެހެނީ މިހެންވެ،" ޖަމީލު ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އެ މައްސަލަގާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވީ ނަމަވެސް ހުކުމް އިއްވުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައި ކަމަށްވާއިރު އެމަނިކުފާނުގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ވެސް ކުރީގެ ސަރުކާރުންނެވެ. މި ސަރުކާރުން ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.