Last Updated: April 29, 09:25
Monday, April 29, 2024
ޚަބަރު

މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންނަށް ކުރަނީ އުނދަގޫ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް ކުރަނީ އުނދަގޫ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ޕީއެންސީން ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ރައީސް ވިދާޅުވީ ތަރައްގީއަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގެ ލިސްޓު ވަރަށް ދިގު ކަމަށާއި ނަމަވެސް އެއީ ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތްތައް ކުރުމުގައި ރައްޔިތުންނާ އެކީ މި މަސައްކަތުގައި ބައިވެރިވާނެ ވިސްނުމުގައި ތިބި ބޭފުޅުން މަޖިލީހަށް ހޮވުން ޒަރޫރީ ކަމަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޒަރޫރީ ކަމަކަށް ވަނީ ކަންކަމުގައި ހަގީގަތް އަޅުގަނޑުމެން ބަލާލާއިރު ފެންނަން ހުރި ހަގީގަތްތަކުގެ ސަބަބުން. ވޭތުވެދިޔަ 4 މަސް ދުވަހު ފެނިގެން ގޮސްފައިވަނީ މި ވިސްނުމުގައި މަސައްކަތް ނުކުރާ ބަޔަކު ތިއްބަވައިގެން ރައްޔިތުންނަށް ކުރަމުން ދިޔަ އުނދަގޫތައް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ފެންނަމުން ދަނީ ރައްޔިތުންނަށްޓަކާ ހުށަހަޅާ ބިލުތައް ވެސް މަޖިލީހުން ބޭރުކުރާ މަންޒަރު ކަމަށާއި މަޖިލީހުން ކުރަމުންދާ މިފަދަ ޣައިރު ޒިންމާދާރު އަމަލުތަކަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖަވާބުދޭންޖެހޭ ކަމަށެވެ. އެގޮތުން ތަރައްގީ އަށް ހުރަސްއަޅާ ބަޔަކު ކުރިއަށް އޮތް 5 އަހަރަށް ހޮވާނީތޯ ނުވަތަ ނޫންތޯ ރައްޔިތުން ނިންމަންޖެހޭ ކަމަށާއި ރައްޔިތުން ތިބީ ހެޔޮ ވިސްނުމުގައި ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު ސަރުކާރުން ހުށަހެޅި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ބިލް މަޖިލީހުން އިއްޔެ ވަނީ ބޭރުކޮށްލާފަ އެވެ. އިއްޔެގެ ޖަލްސާގައި ވޯޓަށް އެހިއިރު، މަޖިލީހުގައި ތިއްބަވާ ސަރުކާރު ތަމްސީލު ކުރާ މެންބަރު ތަޅުމަކު ނެތެވެ. އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން ތަޅުމުގައި ތިބި ނަމަވެސް ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.