Last Updated: April 28, 17:29
Sunday, April 28, 2024
ޚަބަރު

ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ގދ. ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

ރައީސް މިގޮތަށް ހަމަޖައްސަވާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީގެ ސަރުކާރުން މިދިޔަ އަހަރުގެ އޮގަސްޓް 30 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ. ނަމަވެސް އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.

އެ ކޮމިޓީން ނިންމާފައި ވަނީ ޤާނޫނަށް އިސްލާހުތައް ގެނައުމަށް ފަހު ތިނަދޫ ކައުންސިލަށް ސީޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލުގައި ވަނީ ފަސް އިސްލާހެކެވެ. އެ އިސްލާހުތަކުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފި ނަމަ އެ ރަށެއްގެ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުމާއި ސިޓީއެއްގެ ދަރަޖަ ލިބޭ ރަށުގެ، ކައުންސިލް ރައީސާއި ނައިބު ރައީސްގެ މަޤާމު، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބަދަލުވުން ހިމެނެ އެވެ.

ގާނޫނަށް ގެނެސްފައިވާ މި އިސްލާހުތައް ރައީސް މުއިއްޒު އިއްޔެ ވަނީ ތަސްދީގުކުރައްވާފަ އެވެ.

މި އިސްލާހުތަކާ އެކީ ރަށު ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވިތަސް އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެން ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ސިޓީއެއް އުފައްދާ ނަމަ އަމަލުކުރަންވާ ގޮތް ވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން ސިޓީއެއް އުފައްދާނަމަ އެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އުވިގެންދާނެ ކަމަށާއި ކައުންސިލްގެ ހުރިހާ މަސްއޫލިއްޔަތެއް ސިޓީ ކައުންސިލަށް ބަދަލުވާނެ އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަކަށް ބަދަލުވުމާއެކު ޤާނޫނުން ސިޓީތަކަށް ލިބޭ ހުރިހާ ބާރަކާއި މަސްއޫލިއްޔަތެއް ކައުންސިލަށް ލިބިގެން ދާނެ އެވެ. އަދި ސިޓީތަކުން ލިބެންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކުރާ ހުރިހާ ޚިދުމަތެއް އެ ސިޓީއަކުން ލިބެން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.