Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

ނިލަންދޫ އެއާޕޯޓަށް ބިން ހިއްކަން އެމްޓީސީސީ އަށް

ފ. ނިލަންދޫ އެއަޕޯޓަށް ބޭނުންބާ ބިން ހިއްކުމުގެ މަސައްކަތާއި އެ ރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢަބްދުﷲ ޒިޔާދެވެ.

ނިލަންދޫ އެއާޕޯޓް އެޅުމަށް 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2،098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1،400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ އެވެ.

މި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރީ 390 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

ނިލަންދޫ އެއާޕޯޓަށް ބިން ހިއްކުމާ ގުޅޭ ސާވޭ އާއި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަސައްކަތް 120 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރީ ޖެނުއަރީ މަހުގެ 4 ގަ އެވެ.

ނިލަންދޫ އެއާޕޯޓް ހަދަން މި އަހަރުގެ ބަޖެޓްގައި 378،000ރ. ހިމަނާފައިވެ ރުފިޔާއެވެ. މި މަޝްރޫޢުގެ ތެރެއިން މި އަހަރު ބިން ހިއްކުމާއި އެބިން ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.