Last Updated: April 27, 22:41
Sunday, April 28, 2024
ޚަބަރު

ގެދޮރު ބިނާކުރަން ދޭ ލުއި ލޯނުގެ މަސައްކަތް އެޗްޑީއެފްސީ އަށް

ގެދޮރު ބިނާކުރަން ދޭ ލުއި ލޯނު ކަމަށްވާ 'ހިޔާވަހި ފައިނޭންސް ސްކީމް'ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒީނާދެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ސްކީމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޚާއްސަކޮށް، އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުން މަތިން ކުރިއަށް ގެންދާނެ ސްކީމެއް ކަމަށެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އިންސައްތައިގެ އިންޓްރެސްޓުގަ އެވެ.

ހިޔާވަހި ފައިނޭންއިންސް ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ނިންމާފައިވަނީ ދެ ބާވަތެއްގެ ލޯނުގެ މައްޗަށް ބަހައިގެންނެވެ. އެއީ:

1- އަތޮޅުތެރޭ ރަށްތަކަށް ޚާއްސަ ލުއި ލޯނު ސްކީމު: މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރާނީ އެއް މިލިއަން ރުފިޔާ

2- މާލެ ސަރަހައްދާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ޚާއްސަ ލުއި ލޯނު: މި ސްކީމުގެ ތެރެއިން އެންމެ މަތީ އަދަދަކަށް ފައިސާގެ ގޮތުގައި ދޫކުރާނީ ތިން މިލިއަން ރުފިޔާ

މިނިސްޓްރީން ވަނީ މި ސްކީމާއި ގުޅުން ހުރި އިތުރު ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.