Last Updated: April 28, 11:45
Sunday, April 28, 2024
ޚަބަރު

ސިޔާސީ ވެރިން ހައްޔަރުކުރަން ތައްޔާރުވާން ފަށައިފި

ސިޔާސީ ވެރިން ހައްޔަރުކުރަން ތައްޔާރުވާން ފަށާފައިވާ ކަމަށް ގައުމު ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން މިރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުން މި ގައުމު 20 އަހަރު ފަހަތަށް ގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަވަމުންދާއިރު ފުރަތަމަ ވެރިކަމަށް އައިސް ކުރެއްވި ކަމަކީ ނޫސްވެރިންނަށް ހުރަސް އެޅުން ކަމަށެވެ.

ވަޒީފާގެ ބިރު އިންތިހާ އަށް ކުރިމަތިކުރަމުންދާ ކަމަށާއި އެންމެފަހުން މިއަދު ފެނިގެން ދަނީ ސިޔާސީ ލީޑަރުންނާ ދިމާކުރާ މަންޒަރު ކަމަށް ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މާދަމާ ފުލުހަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ކަމަށާއި މި ކަންކަމުން މީގެ 20 އަހަރު ކުރީގެ ކަންކަން ހަނދާނަށް އަންނަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ދޫކޮށްލައިގެން ތިބެއްޖެ ނަމަ އަނެއްކާވެސް އެ ބިރުވެރިކަމާއި އަނިޔާވެރިކަމަށް ރާއްޖެ ދާނެ ކަމަށާއި ބިރުވެރިކަން އިންތިހާ އަށް މިހާރު ކުރިމަތިވަމުންދާ ކަމަށެވެ.

"ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް މިހާރު. ސިޔާސީ ލީޑަރުން ހިފާ، ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވަނީ ސިޔާސީ ލީޑަރުންގެ އިތުރުން ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ވެސް ހައްޔަރުކުރާ ހިސާބަށް ދާނެ ކަމަށާއި އަދި މިނިވަން މުއައްސަސާތައް ވެސް މުށުތެރެއަށް ލާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. މިކަމާ ދެކޮޅަށް ތެދުވާންޖެހޭ ކަމަށާއި ގައުމުގެ މިސްރާބު ހަމައިން ނެއްޓި ގައުމު މިހާރު ދަނީ ފަހަތަށް ކަމަށްވެސް ވިދާޅުވި އެވެ.