Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ސަރުކާރު މެމްބަރުން ވެސް ސަރުކާރުގެ ސިޔާސަތު ގަބޫލުނުކުރޭ

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު މެމްބަރުން ވެސް ސަރުކާރުގެ ސިޔާސަތު ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު މިހެން ވިދާޅުވެފައިމިވަނީ ސަރުކާރުން ހުށަހެޅި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ބިލް މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުކިޔުންތައް އަމާޒުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މި ބިލަށް ވޯޓަށް އެހިއިރު، މަޖިލީހުގައި ތިއްބަވާ ސަރުކާރު ތަމްސީލު ކުރާ އެއްވެސް މެންބަރަކު ތަޅުމަކު ނެތެވެ. އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން ތަޅުމުގައި ތިބި ނަމަވެސް ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އެމްޑީޕީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މަޖިލީހުގައި މިހާރު ސަރުކާރާއި އިދިކޮޅު މެމްބަރުންނަކީ ވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކަމަށާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުހޮވަންވީ އެ ސަބަބާއި ހުރެ ކަމަށެވެ.

"އެހެންނަމަ އެ ދުވަހު މަޖިލީހަށް ވަދެ ވޯޓު ދެއްވަންވީ ނޫންތޯ. ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ތާއީދުކުރާ އެއްވެސް މެމްބަރެއް އެތާ ނެތް ކަމަށްވަނީ. އެހެންވީމަ ސަރުކާރުގެ ސިޔާސަތު ގަބޫލުނުކުރަނީ ކޮން ބައެއްކަން ސާފުކޮށް އެބަ އިނގޭ ނޫންތޯ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ އެމްޑީޕީ އަކީ އިދިކޮޅު ޕާޓީ ކަމަށްވާއިރު ސަރުކާރު މެމްބަރުން އެ ބިލަށް ދޭން ބޭނުން ނުވާ ތާއީދެއް އެމްޑީޕީ މެމްބަރުންނަށް ވެސް ނުދެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދެއްކި ނަމަ އެކަން ރީތިކޮށް ނިމޭނެ ކަމަށާއި މަޖިލީހުގައި ކޮންމެހެން ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އިދިކޮޅުގައި ތިބޭ ބަޔަކާއި ވާހަކަދައްކަންޖެހޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގައި އޮތީ ދެކޮޅުވެރިކަމާއި، ޖަދަލުކުރުމާއި، ގޮތް ދޫނުކުރުމާއި އަދި ބޯހަރުކަން ނޫން އެއްޗެސް ރައީސް މުއިއްޒުގެ ނެތް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.