Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ހައްޔަރު ކުރިޔަސް ވަރިހަމަ، ފަހަތަކަށް ނުޖެހޭނަން

ހައްޔަރު ކުރިޔަސް ވަރިހަމަ ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފައްޔާޒު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަން އަންގާފައިވާތީ އެވެ.

މާލޭގައި ރޭ އެމްޑީޕީން ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ދުނިޔެމަތީގައި ބިރަކީ އޭނާ ދަންނަ އެއްޗެއް ނޫން ކަމަށާއި ހަމައެކަނި ބިރު ގަންނަނީ މާތްﷲ އާއި އާހިރަތް ދުވަހަށް ކަމަށެވެ. އޭގެ އިތުރަށް މި ދުނިޔެމަތީގައި ބިރުގަންނަ އެހެން އިތުރު ކަމެއް ނޯންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގެންގޮސް ހައްޔަރު ވެސް ކުރަންވީ. އަޅުގަނޑުގެ ފުރާނަ ވެސް ދުއްވާލަންވީ. ކުޑަކޮށް ވެސް ފަހަތަށް ނުޖެހޭނަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ހަގީގަތުގައި އުޅެނީ އެމްޑީޕީގެ އާންމު ރައްޔިތުންނަށް ބިރުދައްކަން ކަމަށާއި ނަމަވެސް އެމްޑީޕީގެ މެމްބަރުންނަކީ ބިރުގަންނަ ބައެއް ނޫން ކަމަށެވެ. ސިޔާސީ ގޮތުން ދައްކާ ބިރަކަށް އެމްޑީޕީގެ މެމްބަރުން ބިރުނުގަންނާނެކަން ފާއިތުވި 20 އަހަރު އާންމު މެމްބަރުން ކުރި މަސައްކަތުން އެނގެންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރު 03:00 އަށެވެ.

ފައްޔާޒަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ފުލުހަށް ހާޒިރުކުރެވެނީ އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ކަމަށެވެ. އަދި އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒްއަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ޗިޓުގައި ބުނެފައިވެ އެވެ.