Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނިންމި ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑޭސީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކުރުމުން، އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު) އަށް ތާއީދުކުރަން ނިންމައިފި އެވެ.

ވީބީ ހަސަން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމިކަން ހާމަކުރެއްވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރު ކުރާތީ އެ ސަރަހައްދަށް ގޮހެވެ. އެގޮތުން ވީބީ ހަސަން ވަނީ އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކޮށް އިބޫ ޖަލީލާއެކު ފޮޓޯ ނަގައި ތާއީދު އޮތްކަން ހާމަކޮށްފަ އެވެ.

ހަސަންގެ ކެންޑިޑަސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އެދާއިރާއަށް ވާދަކުރާ މެންބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ.

ހަސަންގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހަސަންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެއްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޯޓުން ހުކުމް ކޮށްފައިވާކަމަށެވެ. އެހެންކަމުން ހަސަންގެ ސާބިތު ދަރަންޏެއް އޮތްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ދަރަންޏާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަސަންގެ ކިބައިގައި ހަމަނުވާ ކަމަށް ހުކުމް ކޮށްފައިވެ އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް ހަސަން ހިމެނޭ ގޮތަށް ޖުމުލަ 5 ކެންޑިޑޭޓުން ވާދަކުރެ އެވެ.