Last Updated: April 28, 17:08
Sunday, April 28, 2024
ޚަބަރު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލު ކޮމިޓީން ފާސްކޮށްފި

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. މި ބިލު ދިރާސާކުރަން މަޖިލީހުގެ ވަގުތީ ކޮމިޓީ އަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.

ކޮމިޓީން ބިލު ފާސްކުރީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ. އެގޮތުން ބިލު ހުށަހެޅި އިރު ހިމަނާފައި އޮތް ރީކޯލް ވޯޓު ނެގޭނެ ހާލަތްތައް ބިލުން މިހާރު ވަނީ އުނިކޮށްފަ އެވެ. އެ ބިލުގައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް، އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް މިހާރު ވަނީ ބަޔާންކޮށްފަ އެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް:

1- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން

2- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން

3- އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

ޕާޓީން މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތް:

1- މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވޭ

2- އެ މެންބަރަކު ޕާޓީން ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

3- ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

ބިލުގައި ބުނެފައިވާ ގޮތުން މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެކަމަށް ބިލުގައިވެ އެވެ.