Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

އަލީ ވަހީދުގެ މައްސަލަ އަލުން ބަލަން ގޮވާލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަށް ޖިންސީ ގޯނާކުރި މައްސަލަ އަލުން ބަލަން ސަރުކާރު ހިންގާ ކޯލިޝަނުން މި ޕްރޮސެކިއުޓާ ޖެނެރަލްް (ޕީޖީ) އޮފީހަށް ގޮވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓޭންޑަކީ މައްސަލަ އެއް ސާބިތުވެއްޖެ ނަމަ ދޭން ޖެހޭ ހައްގު އަދަބު ދިނުން ކަމަށެވެ.

އެހެންވެ އަލީ ވަހީދާ ގުޅޭ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށާއި އެކަަމަށް ޕީޖީ އޮފީހަށް ގޮވާލައްވާ ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަ އަނެއްކާވެސް ތަހުގީގުކޮށް ދެއްވާށޭ އެއީ ބަޔާންތައް އެހެރީ. ބަޔާންތަކުގައި އެހެރީ ކަންބޮޑުވާ ވާހަކަތަކެއްއ،ެ" ޖިންސީ ގޯނާގެ މައްސަލައިގައި މުވައްޒަފުން ދީފައި ހުރި ބަޔާންތައް ވެސ ލީކްވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ހީނާ ވިދާޅުވި އެވެ. "ހެންވީމާ ތަފާތުކުރުމެއްނެތި އެއްވެސް ތަފާތުކުރުމެެއް ނެތި އޭގައި ޝާމިލްވި ފަރާތްތަކަށް ދައުވާ ކުރެވެން ޖެހޭނެ. ހައްގު އަދަބު ލިބެން ޖެހޭނެ."

ބަޔާންތައް ލީކްވި މައްސަލައިގައި އަލީ ވަހީދު ވިދާޅުވެފައ ވަނީ އެކަމަކީ މިހާރު އޭނަ މަޖިލީހަށް ވާދަކުރާތީ ސިޔާސީ ގޮތުން ބަކިކޮށްލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ކޮން ބަޔަކު ކީއްވެގެން ކުރި ކަމެއްކަން އެނގިވަޑައިގަނނަވާ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނަން،" އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށީ
ދެކުނު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ތޮއްޑޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނަ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވި ނަމަވެސް މައްސަލަ ދިގުލައިގެން ގޮސް ޕީޖީން ފަހުން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ. ދައުވާ ނުކުރަން ނިންމީ އަނިޔާވި އަންހެނުން އެކި ޕްރެޝަރުތަކާ ގުޅިގެން ބަޔާންތައް އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާކުރީ ނޮވެމްބަރު 18، 2020ގަ އެވެ. ކޯޓުން ޕާސްޕޯޓް ދޫކޮށްލުމާ އެކު ރާއްޖެއިން ފުރައިގެން އިނގިރޭސިވިލާތަށް ވަޑައިގަތީ، ފެބްރުއަރީ 2021ގަ އެވެ.

އޭގެ ފަހުން އޭނާ ޝަރީއަތަށް ފިއްލަވައިގެން ތިން އަހަރު ދުވަސް ވަންދެން އުޅުއްވީ އެ ގައުމުގަ އެވެ.

ވަހީދުގެ މައްޗަށް އޭރު ކުރި ދައުވާތަކަކީ ރޭޕްކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ އިތުރުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމެވެ.

މި ކަންކަމަށް ބާރުދޭ ވާހަކަތައް ލީކްވި ބަޔާންތަކުގައި ހުރިކަން ފާހަގަކުރެވެ އެވެ.