Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ޕްރޮފެސަރުގެ އާއިލާ ގާޒާ އިން ނެރެން ފައިސާ ހަވާލުކޮށްފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލެކްޗަރާއެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ގާޒާ އިން ނެރުމަށް ބޭނުންވާ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހަވާލުކޮށްފި އެވެ.

އައިއޭސީން މިއަދު ބުނީ ޕްރޮފެސަރުގެ އާއިލާ ގާޒާ އިން މިސްރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އޭނާގެ އާއިލާ ގާޒާ އިން ނެރުމަށްޓަކާ ދައްކަންޖެހޭ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ޕްރޮފެސަރުގެ އާއިލާ މިސްރަށް އައުމުން، އެ އާއިލާ ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހަރަދުތައް ވެސް އައިއޭސީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

"އުއްމީދަކީ އަދި ދުއާއަކީ ޑޮކްޓަރުގެ އާއިލާ ސަލާމަތުން ހެޔޮ ހާލުގައި ވީ އެންމެ އަވަހަކަށް ދިވެހިރާއްޖެ ގެނެވުން،" އައިއޭސީން ބުނެ އެވެ.

ޑރ. ކުރުދީގެ އާއިލާ ދިރިއުޅެމުން އަންނަނީ ގާޒާގެ ރަފަހުގަ އެވެ. އާއިލާގެ ފަރާތުން އެހީތެރިކަމަށް އެދުނީ ޑރ. ކުރުދީގެ އަންހެން ދަރިފުޅު މިންނާ އަލް ކުރުދީ އެވެ. އޭނާ ވަނީ ފައިސާ އެއްކުރަން އެހީވެދޭ 'ގޯ ފަންޑް މީ'ގައި އެކަމަށް ޕޭޖެއް ވެސް ހުޅުވައިފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 32،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.