Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

މި ސަރުކާރުން ވެސް ފައިސާ ޗާޕުކުރާނެ

މި ސަރުކާރުން ފައިސާ ޗާޕުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ފޭދޫގައި ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ފައިސާ ޗާޕު ނުކުރާނެ ވާހަކަ ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނު އެވަރަށް އެ ވާހަކަ ދައްކަވަމުން ގެންދަވަނީ ވެސް އެކަން ކުރާނެތީ ކަމަށެވެ. ފައިސާ ޗާޕުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމުގައި ވެސް ވަކި އުސޫލުތަކެއް އޮންނައިރު ކުރީ ސަރުކާރުން އެކަން ކުރީ ކޮވިޑްގެ ވަބާގައި މި ގައުމަށް އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ނުލިބި، ރައްޔިތުން ބަނޑަށް ޖެހޭނެ ހާލަތުގައި ލޯނު ނެގުމާއެކު ކަމަށެވެ.

ކުރީ ސަރުކާރުން ފައިސާ ޗާޕުކުރީ ގާނޫނުގައި ބުނާ ހަމަތަކުގެ މަތިން ކަމަށާއި މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ވާހަކަ ދައްކާއިރު މިދިޔަ އަހަރުގެ ޑިސެމްބަރާއި ހިސާބުން އިތުރަށް ފައިސާ ޗާޕުނުކުރަން މަޖިލީހުން ނިންމުމެއް ނިންމާފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ފައިސާ ޗާޕުނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަނީ މިހާރު އޮތް މަޖިލީހަށް ފައިސާ ޗާޕުކުރުމުގެ ހުއްދަ އަށް އެދި ފޮނުވުމުން އެ ހުއްދަ ނުދީފާނެތީ ކަމަށްވެސް ވިދާޅުވި އެވެ.

"މެޖޯރިޓީ ލިބޭ އިރަށް ކުރާނެ. އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބުނަސް ފޮނުވައިފިއްޔާ ކޮށްދޭނަމޭ އެކަން. އެއީ މައްސަލައެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

އިގުތިސާދުގައި ވަރު ހުރި މިންވަރަކަށް ފައިސާ ޗާޕު ކުރެވޭނެ ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން އެގޮތަށް ކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ކުރީ ސަރުކާރުން ވެސް އެކަން ކުރީ އެގޮތަށް ބަލާފައި ކަމަށާއި އޭގެ ގޯސް ނަތީޖާއެއް ރާއްޖެ އަށް މިހާތަނަށް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު ފައިސާ ޗާޕުކުރުން ހުއްޓާނުލިނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ ރައީސްގެ ވައުދެކެވެ.