Last Updated: May 20, 20:49
Monday, May 20, 2024
ޚަބަރު

ނިލަންދޫން 100 އަށް ވުރެ ގޯތި ދޫކުރަނީ

ފ. ނިލަންދޫން 100 އަށް ވުރެ ގިނަ ގޯތި ދޫކުރަން އިއުލާންކޮށްފި އެވެ.

އެ ރަށު ކައުންސިލުން ބުނީ ޖުމްލަ 129 ގޯދި ދޭން ނިންމާފައިވާ ކަމަށެވެ. ނިލަންދޫން ދޫކުރަން ނިންމި ގޯތީގެ ތެރެއިން 96 ޗޯއްޗަކީ 2،000 އަކަފޫޓްގެ ގޯއްޗެވެ. އަދި 33 ގޯއްޗަކީ 2،800 ފޫޓްގެ ގޯއްޗެކެވެ.

ކައުންސިލުން ބުނީ ގޯއްޗަށް އެދި ހުށަހަޅާ މީހުންނަށް ޕޮއިންޓް ދިނުމުގައި އިސްކަން ދޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ. އަދި
ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ލިބިފައި ނެތުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެ އެވެ.

ގޯއްޗަށް އެދޭ މީހާ އަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ދޫކޮށްލަން ވެސް ޖެހެ އެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހި ސުންގަޑި އަކީ އަންނަ މަހު 30 އެވެ.