Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

"ޔާމީންގެ ވާހަކަ ނުދައްކާ، ތި ތިބީ ހަރާން ކޯރުވެފައި"

ޑރ. މުހައްމަދު ޖަމީލް އަހުމަދު-

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް ޕީއެންސީ އަށް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ ޔާމީނަށް އިންސާފު ހޯދައިދޭން އެމްޑީޕީން އުޅުމަކީ ބޮޑު ޖޯކެއް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ވަނީ މިއީ ޕީއެންސީ އަށް މިއަދު ދެއްކުމުގެ ލެޖިޓިމެސީ އެއް އޮތް ވާހަކައެއް ނޫން ކަމަށް ވިދާޅުވެ ޕީއެންސީގެ ލީޑަޝިޕަށް ގިނަ ސުވާލުތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން މިއަދު ވެރިކަމުގައި ތިބީ އެމްޑީޕީތޯ އާއި ޔާމީންގެ ހުސްގޮނޑި ވިއްކައިގެން ވެރިކަމަށް އައީ އެމްޑީޕީތޯ ޖަމީލު ސުވާލު ކުރެއްވި އެވެ. އަދި ޔާމީނު ވިއްކައިގެން ވެރިކަމަށް އައުމަށްފަހު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު މިއަދު ޔާމީނުގެ ޙުކުމް ހަރާމް ކަމަށް ނުވަތަ ލަސްވެގެން ކަންބޮޑުވުން ފާޅުކުރަން ފަސްޖެހެނީ ކީއްވެތޯ ވެސް ޖަމީލު ސުވާލު އުފެއްދެވި އެވެ.

ޖަމީލު ވިދާޅުވީ އެމްޑީޕީން ދައްކަނީ ޔާމީނުގެ ޙުކުމް ވަކިގޮތަކަށް ކުރުމަށް ނޫން ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލަ ލަސްވާ ވާހަކަ ކަމަށްވާއިރު އެވާހަކަ އެއީ ރީޒަނަބަލް ވާހަކައެއް ކަމަށެވެ. އަދި ޔާމީނަށް ހުކުމް ކުރުން ލަސްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކޮށްފައިވާ ކަމަށާއި އެމްޑީޕީން ހުކުމް ލަސްވާތީ ވާހަކަ ދެއްކުމަކީ ޖޯކަކަށްވި ފަރާތްތަކުގެ މުނާފިގުކަން މިއަދު ފާޅުވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ތިޔަ ތިބީ ހަރާންކޯރުވެފައިކަން ދިވެހި ރައްޔިތުން ގަބޫލުކުރޭ،" ޖަމީލު ވިދާޅުވި އެވެ.

އާރަށުގެ މުއާމަލާތުގެ މައްސަލައިގައި ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނީ ނިންމާލައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި ހުކުމް ކުރުމާ ހަމަޔަށް ގޮސްފައި އޮންނަތާ ހަތަރު މަސް ވީއިރު، އެ މައްސަލާގައި އަދިވެސް ހުކުމެއް ނުކުރެ އެވެ.

އެހެންވެ އެކަން ލަސްވާތީ ޔާމީންގެ ގާނޫނީ ޓީމުން ވެސް ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.