Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ސިޔާސީ ވަޒީފާތައް ދޭން ފައިސާ އެބަހުރި

މަޝްރޫއުތައް ހިންގަން ފައިސާ ނެތް ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފި އެވެ.

ލ. އިސްދޫގައި މިއަދު ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ފައިސާ ނެތް ކަމަށް ސަރުކާރުން ބުނާއިރު 1500 އަށް ވުރެ ގިނަ މުވައްޒަފުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށް ދަތި ކަމެއް ނެތި މުސާރަ ދެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. މިފަދަ ކަންކަން ކުރަން ސަރުކާރުގައި ފައިސާ އެބަހުރި ކަމަށާއި ހިންގުމުގެ ހަރަދު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާއި، މިއަހަރުގެ ހަތަރު މަސް ދުވަހާ އަޅާ ބަލާއިރުގައި އެތައް ސަތޭކަ މިލިއަނެއް ހަރަދުކޮށްފި މުސާރަ އަށް. ހިންގުމުގެ ހަރަދު އިންތިހާ އަށް ބޮޑުވެއްޖެ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މުސާރަތަކަށް ސަރުކާރުން މިހާ ވަރަށް ހަރަދުކުރާއިރު، ޕްރޮޖެކްޓެއް ހިންގަން ނުވަތަ ރައްޔިތަކަށް ކަމެއްކޮށްދޭން ވުމުން ސަރުކާރުގައި ފައިސާއެއް ނުހުންނަ ކަމަށެވެ. މި ސަރުކާރު ހިނގަމުން އަންނަނީ މިފަދަ އޮޅުވާލުންތަކެއްގެ ތެރޭގައި ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ އަނެއްކާވެސް ތަކުރާރު ވެގެންދާނީ 2013 އިން 2018 އަށް ފެނުނު މަންޒަރު ކަމަށް ސޯލިހު ވިދާޅުވި އެވެ.

މިއަދު ވެސް އެފަދަ މަންޒަރުތައް ފެންނަން ފަށާފައިވާ ކަމަށާއި އެގޮތުން ވަޒީފާގެ ބިރު އިންތިހާ އަށް އޮތްއިރު، ސަރުކާރާއި ހިޔާލުތަފާތުވު ވެގެން ކަމެއް ކޮށްފިނަމަ ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އިސްދޫ ދާއިރާ އިން އެކަނި ވެސް 115 މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި މިފަދަ ކަންކަން ކުރަނީ ކުންފުނި ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ކަމަށްވާއިރު މީހުން ވަކިކުރުމަށްފަހު އިތުރަށް ވެސް ކުންފުނިތަކަށް މީހުން ނަގަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.