Last Updated: May 3, 17:51
Friday, May 3, 2024
ޚަބަރު

ޕީއެންއެފް އުފައްދާތީ ސަރުކާރު އޮތީ އައިސީޔޫގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އުފައްދާތީ ސަރުކާރު އޮތީ އައިސީޔޫގައި ކަމަށް ވިދާޅުވެ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ފުރަތަމަ ނިންމާފައި އޮތީ ގިޔާސުއްދީން ސްކޫލްގައި ކަމަށްވީ ނަމަވެސް ފުލުހުން ހުރަސް އެޅުމާއެކު އެ ޖަލްސާ ފަހުން ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ.

ޕީއެންއެފް އިން މިރޭ އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޕީއެންއެފް އަކީ މަގުމަތީގައި އުފެއްދި ޕާޓީއެއް ކަމަށާއި އެ ހާލު ޖެއްސީ އިއްޔެއާ ޖެހެންދެން އެއްބަފާ ބައެއްގެ ގޮތުގައި ތިބި ފަރާތްތަކުން ކަމަށެވެ. މިކަމުން ވެސް ބައެއް ފިލާވަޅުތަކެއް ލިބުނު ކަމަށާއި އެގޮތުން އެ ރޭގެ ޕީއެންއެފްގެ އާންމު މެމްބަރުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހި ނަމަވެސް އައިސީޔޫގައި އޮތީ ސަރުކާރު ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ނޫން، ސަރުކާރު އައިސީޔޫގައި އޮތީ. ސަރުކާރު ތެޅި ފޮޅުނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީއެންއެފްގެ އާންމު މެމްބަރުންނާ ދެކޮޅަށް ހިނގި ކަންކަން ބެލުމަށް ސޯޝަލް މީޑިއާ އާއި ޓީވީ މެދުވެރިކޮށް 60،000 މީހުން ތިބި ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ޖަލްސާ ބަލަން ތިބެނީ 25 ނުވަތަ 27 މީހުން ކަމަށެވެ. އަދި އެރޭ ހިނގި ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށާއި އެއީ "އެހެންޏާ ވެސް ދައްކާ ގޮތަށް ދެއްކި ދޮގު ބޭކާރު ވާހަކަތަކެއް،" ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒަށް ނުނިދުނީ ހަގީގަތުގައި އެރޭ ގިޔާސުއްދީން ސްކޫލް ހޯލުތެރެއަށް ވަދެ ތިބި މީހުންގެ އަދަދު ފެނިފައި ކަމަށާއި އެރޭ ހުރިހާ ކަމެއް ހިނގިއިރު އެކަން އެނގިވަޑައިގެންނެވީ ނޫހުން ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެކަން ގަބޫލުކުރާނެ މީހެއް ނުހުންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.