Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

"އަދުރޭގެ އާއިލާ އަށް ވަޒީފާ ލިބުނީ މުޒާހާރާ އަށް ނިކުތީމަތޯ"

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ގެ އާއިލާ ބޭފުޅުންނަށް މި ސަރުކާރުން ވަޒީފާތައް ލިބުނީ މަގުމަތީގައި ސިޔާސީ މަސައްކަތް ކޮށްގެންތޯ ވިދާޅުވެ އަދުރޭ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފި އެވެ.

ޔާމީން މިހެން ވިދާޅުވީ ޔާމީން ޖަލަށްލުމުން އެމަނިކުފާނުގެ މިނިވަން ކުރަން ގޮވާލާ ބޭއްވި މުޒާހަރާތުގައި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބައިވެރިވެވަޑައިގެންފައި ނުވާތީ އެކަން ފާހަގަކޮށް އަދުރޭ ވާހަކަތަކެއް ދައްކަވާފައިވާތީ އެވެ.

"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީނު އެއޮތް ހުރިހާ ދުވަހު ޖަލުގައި އޮތް އިރު މެޑަމް ފާތުމަ އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒޭނު އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ، ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫންތޯ؟" ދާދިފަހުން ޕީޕީއެމް/ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އަދުރޭ ވިދާޅުވި އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ މެޑަމް ފާތުން އަކީ ޕީޕީއެމް/ޕީއެންސީގެ އެއްވެސް މަގާމެއް ގައި ހުންނެވި ބޭފުޅެއްތޯ އާއި އެމަނިކުފާނު ހައްޔަރު ކުރެއްވީ މެޑަމް ފާތުންގެ ފިރިކަލުންނަށް ވެގެންތޯ ނުވަތަ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ޕީޕީއެމް/ޕީއެންސީ ލީޑަރުންނަށް ނުކުރެއްވުނު ކަމެއް އެމަނިކުފާނުގެ އާއިލާގެ ބޮލުގައި އަޅުވަނީ ކީއްވެގެންތޯ ވެސް ޔާމީން އެއްސެވި އެވެ.

ޔާމީން ވަނީ އެމަނިކުފާނު މިނިވަން ކުރުމުގެ ނަމުގައި ހިންގި މުޒާހަރާތަކުން ހައްޔަރު ކުރާނެ މީހުން ކަނޑައަޅާ އަންގަނީ ޕީޕީއެމް/ޕީއެންސީގެ ވެރީންގެ ތެރެއިން ބަޔަކު ކަމަށާއި އެ ބޭފުޅުންގެ ރޭވުން އޮތީ މެޑަމް ފާތުންނާއި ދަރިކަލުން ޒެއިން މުޒާހަރާއަށް ނެރެ ހައްޔަރު ކުރުން ކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން މެޑަމް ފާތުން މުޒާހަރާގައި ބައިވެރިވެވަޑައިނުގެންނެވި ވާހަކަ ދައްކާއިރު، މި ސަރުކާރުން ހުރިހާ މަގާމުތަކެއް އަދުރޭގެ އާއިލާ މީހުންނަށް ލިބުނީ އެމީހުން މަގުމަތީގައި ސިޔާސީ މަސައްކަތްކޮށްގެންތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

"ހާދަ ހާންދާނު ބޮޑު، އާއިލާ ބޮޑު މީހަކަށް ވެއްޖެއޭ މަގާމުތަކާ ހަމައަށް އައީމަ. އަޅުގަނޑުމެން ނުދެކެމޭ ޕީޕީއެމް/ޕީއެންސީގައި މަސައްކަތް ކުރިއިރު އެތަނުން ހަމަ އެކަކު ވެސް،" އަދުރޭ އަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއާ ޒާތީ ގޮތުން ދިމާނުކުރަން އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ކަމަށާއި ނަމަވެސް އެމަނިކުފާނާ ގުޅޭގޮތުން އެންމެ ބޮޑަށް ޒާތީ ވާހަކަތައް ދައްކަވަނީ ރައީސް މުއިއްޒު އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅާ ކަމަށްވާ އަދުރޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެ ބޭފުޅުންނާ މެދު ދެއްކޭނެ ވާހަކަ މަދެއް ނުވާނެ. އެކަމަކު އަޅުގަނޑަކީ އެހާ ދަށް ފެންވަރަކަށް ދާނެ މީހެއް ނޫން،" ޔާމީން ވިދާޅުވި އެވެ.