Last Updated: May 3, 13:35
Friday, May 3, 2024
ޚަބަރު

ރައްޔިތުންނަށް ފައިދާ ވާނީ އެމްޑީޕީ އަށް މެޖޯރިޓީ ދީގެން

ވެރިކަމުގައި އޮތަސް ނެތަސް ރައްޔިތުންނަށް ފައިދާ ވާނީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ. ކިނބިދޫގައި އިއްޔެ ބޭއްވި ކެމްޕޭނު ޖަލްސާގައި ސޯލިހު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކުރާ ބައެއް ކަމަށާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެއީ ވެރިކަމުގައި އޮތަސް ނެތަސް އެމްޑީޕީގެ ސިޔާސަތު ކަމަށާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ނިކުންނާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ އެމްޑީޕީ ވެރިކަމުގައި އޮތަސް، ވެރިކަމުގައި ނެތަސް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއާ ހަވާލުކުރުން،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ފެނިގެންދާނީ 2013 އިން 2018 އާ ހަމައަށް ފެނިގެންދިޔަ ބިރުވެރި މަންޒަރުތަކެއް ކަމަށާއި މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. ރައްޔިތުން ބޭނުންވާ ފަދަ އަމާންވެއްޓެއް މި ގައުމަށް ގެނެވޭނީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ފޯރިއާއެކު ކުރިއަށްދާއިރު، އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 21 ގަ އެވެ.