Last Updated: May 20, 20:54
Monday, May 20, 2024
ޚަބަރު

ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ދިން ގޯތިތައް ގުޅީފަޅަށް ބަދަލު ކުރަން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތި ބަދަލުކުރަން ދިން މުއްދަތު މިހާރު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ހައުސިން ލޭންޑް އެންޑް އާބަން މިނިސްޓްރީން ބުނެފައި ވަނީ ގުޅީފަޅަށް ގޯތި ބަދަލު ކުރަން ނިންމީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އަދި ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ނިންމީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު:

* 1250 އަކަފޫޓުގެ 193 ގޯތި
* 1650 އަކަފޫޓުގެ 663 ގޯތި
* 2050 އަކަފޫޓުގެ 487 ގޯތި
* 2450 އަކަފޫޓުގެ 4 ގޯތި

ގޯތި ބަދަލުކުރަން ކުރިން ދިން ސުންގަޑި ހަމަވީ މި މަހުގެ 7 އަށެވެ. މިހާރު ސުންގަޑި އިތުރުކޮށްފައިވާތީ "ހިޔާވަހި" ޕޯޓަލް ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ރޭ 11:00 އާ ހަމައަށް އޮންނާނެ އެވެ.