Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ މުއައްސަސާތައް ފުނޑޭނެ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެނަމަ ހުރިހާ މުއައްސަސާއެއް ފުނޑޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ ވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލައެއް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ޖަމީލު ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީ ކުރަންޖެހޭ ކަމަށާއި ސަރުކާރަށް މަޖިލިސް ލިބިއްޖެނަމަ ކޯޓުތަކާއި މިނިވަން ހުރިހާ މުއަައްސަސާތަކެއް ވެސް ފުނޑިގެންދާނެކަން މިކަމުން ވެސް ސާބިތުވާ ކަމަށެވެ.

"ބާރެއް ލިބިއްޖެނަމަ މުޅި ގާނޫނީ ނިޒާމު ފޫއަޅުވާލާނެ. މިވަރު ކަންތައްވީމަ ވަޒީރު އިސްތިޢުފާ ދިނުމަކީ ޑިމޮކްރަސީގައި އަމަލު ކުރާގޮތް،" ޖަމީލު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނެފައިވަނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރ އަހްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރ މަމްދޫހް ހަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑި މައްސަލައާ މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓުގެ ޤާޟީންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މިކަމާ މެދު ގޮތެއް ނިންމުމަށް 18 އޭޕްރިލް ވާ ބްރާސްފަތި ދުވަހު 13:00 އަށް ޤާޟީންގެ މަޖިލީހެއް ތާވަލުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެ އެވެ.

އެނގިފައިވާ ގޮތުގައި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކްރިމިނަލް ކޯޓުން ބުނަނީ ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް މީޑިއާތަކާ ހިއްސާކޮށްފަ އެވެ.