Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

ވަޒީފާގެ ބިރު ދައްކަން ގޮވާލި މީހާ އަށް ނަސޭހަތް ދީފި

ހީނާ ވަލީދު - ފޮޓޯ: ޕީއެންސީ

ވަޒީފާގެ ބިރު ދައްކަން ގޮވާލި މެމްބަރަށް ސަރުކާރު ހިންގާ ޕީއެންސީން ނަސޭހަތް ދީފި އެވެ.

މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ މުހައްމަދު އަބްދުއްރަހްމާން އަށް ތާއީދު ހޯދުމަށް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދެއްކި ފަރާތަކުން ވަނީ ވަޒީފާތަކުގައި ތިބި މީހުންނަށް، އެއީ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ މީހުންކަމުގައިވީ ނަމަވެސް ސަރުކާރުގެ އިސް ފަރާތްތައް ގުޅައިގެން ސަރުކާރު ކެންޑިޑޭޓުންނަށް އެއްބާރުލުން ދިނުމަށް އެދި ދަންނަވަން ޖެހޭ ކަމަށް ބުނެފަ އެވެ.

"އަޅުގަނޑުމެންނާއި ގުޅިވަޑައިނުގެންފި ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އެބަޖެހޭ އަޅަން އެނގޭތޯ،" އޭނާ ބުންޏެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަސާސީ ގަވާއިދުގެ ތެރެއިން ވެސް އަދި ކަނޑައެޅިފައި ހުންނަ އިދާރީ އުސޫލުތަކުގެ ތެރެއިން އެޅޭނެ ވަރަށް ގިނަ ފިޔަވަޅުތައް ހުންނަ ކަމަށާއި އޭގެތެރޭގައި ނަސޭހަތް ދިނުމާއި، ޕާޓީން ވަކިކުރުމާއި އަދި ސިޔާސީ ހަރަކާތްތަކުން ސަސްޕެންޑް ކުރުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން ވާނެ އޭނައަށް ނަސޭހަތް ދީފައި، އެކަން އިތުރަށް ތަކުރާރު ނުކުރުމަށް،" ހީނާ ވިދާޅުވި އެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ކަރަންޓްގެ ހިދުމަތް ދޭންވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މީސް މީހުންގެ ގެއަށް ކަމަށް ވިދާޅުވެ ފެނަކައިގެ އިސް ވެރިޔަކު ކެމްޕޭން ޖަލްސާއެއްގައި ދެއްކި ވާހަކައެއްގެ ވީޑިއޯ އެއް މިއަދު ވަނީ އާންމުވެފަ އެވެ.

ހީނާ ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.